އއ. އުކުޅަހުގައި ގާއިމު ކުރާ ކޮންފަރެންސް ހޯލް ކަމަށްވާ، 'އުކުޅަސް ކޮންވެންޝަން ސެންޓަރު' ހުޅުވައިފިއެވެ.

އިންޑިއާ ސަރުކާރުގެ 7.8 މިލިއަން ރުފިޔާގެ އެހީއާ އެކު ޖުމްލަ 20.8 މިލިއަން ރުފިޔާ ހަރަދުކޮށްގެން ގާއިމްކުރި މި ކޮންވެންޝަން ސެންޓަރު ހުޅުއްވައިދެއްވީ މިނިސްޓާ އޮފް ފޮރިން އެފެއާޒް އަބްދުﷲ ޝާހިދެވެ. އެ ރަސްމިއްޔާތުގައި މިނިސްޓަރު ޝާހިދުގެ އިތުރުން ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފާއި ސައިންސް އެންޑް ކޮމިޔުކޭޝަން މިނިސްޓަރު މުހައްމަދު މަލީހާއި އިންޑިއާގެ އެމްބެސެޑަރު ސަންޖޭ ސްދީރުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި އުކުޅަހު ކައުންސިލްގެ މެންބަރުން އަދި އެރަށުގެ ގިނަ އަދަދެއްގެ ރައްޔިތުން ވެސް ބައިވެރިވިއެވެ.

މިދިޔަ ޖުލައި މަހު 25 ވަނަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށް، 27 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ އަމަލީ މަސައްކަތް ފެށިތާ 29 ދުވަސް ތެރޭ މިނިސްޓްރީ އޮފް ޕްލޭނިން އެންޑް އިންފްރާންސްޓްރަކްޗާ އިން ވަނީ މި ކޮންވެންޝަން ސެންޓަރު އުކުޅަސް ކައުންސިލާ ރަސްމީކޮށް ހަވާލުކޮށްފައެވެ.

އުކުޅަސް ކޮންވެންޝަން ސެންޓަރު ހުޅުވުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ފޮރިން މިނިސްޓްރީ

ޕްލޭނިން މިނިސްޓްރީީން މި ސެންޓަރު އުކުޅަސް ކައުންސިލާ ހަވާލު ކުރުމުގެ ގޮތުން، ޕްލޭނިން މިނިސްޓްރީގެ ފަރާތުން މިިނިސްޓަރު މުހައްމަދު އަސްލަމް ކަމާބެހޭ ރަސްމީ ލިޔެކިއުންތަކުގައި ސޮއި ކުރެއްވިއިރު، އުކުޅަސް ކައުންސިލްގެ ފަރާތުން މި ލިޔެކިއުންތަކުގައި ސޮއިކުރެއްވީ ކައުންސިލް ރައީސް ޝައުކަތު އިބްރާހިމެވެ.

އަމީން ކޮންސްޓްރަކްޝަނާ ހަވާލުކޮށްގެން ބިނާކުރި 11300 އަކަފޫޓުގެ މި މިކޮންވެންޝަން ސެންޓަރުގައި މަލްޓި ޕަރޕަސް ހޯލަކާއި، ބައްދަލުކުރާ ކޮޓަރިތަކާއި، 2 ކުލާސް ރޫމާއި، ސައުންޑް/ލައިޓްސް ކޮންޓްރޯލް ރޫމާއި، ރިސެޕްޝަނާއި، އިދާރީ އޮފީހާއި، 8 ފާހާނާ އަދި ވެއިޓިން އޭރިޔާ ހިމެނެއެވެ.