އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓު ޖަހާފައި އޮއްވާ ހުޅުމާލެއިން ފެނުނު ކާރު ފުލުހުން ޓޯ ކޮށްފިއެވެ.

ފުލުހުން ބުނީ އިއްޔެ، ހުޅުމާލެ އަމީން އެވެނިއު ބިލްޑިން ކުރިމަތީގައި އެ ކާރު ޕާކް ކޮށްފައި ވަނިކޮށް ފުލުހުން އެ ސަރަހައްދަށް ދިޔައިރު ކާރުގެ ނަންބަރު ޕްލޭޓް ނައްޓާފައިވާ ކަމަށެވެ. އަދި ކާރު ޓޯ ކޮށްފައި ވަނީ ނަންބަރު ޕްލޭޓެއް ނުޖަހާ އޮއްވާ ރޭ 11:30 ހާއިރު ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

އިންޑިއާގެ ރަޖިސްޓްރީ ނަންބަރު ޕްލޭޓް ޖަހާފައި އޮއްވާ ނަގާފައިވާ މި ކާރުގެ ފޮޓޯ ސޯޝަލް މީޑިއަގައި ދައުރު ވަމުން ދާއިރު، ފޮޓޯއާ އެކު ލިޔެފައިވާ ލިޔުމެއްގައި ބުނެފައިވަނީ އެ ކާރު ޕާކު ކޮށްފައި އޮތް ހުޅުމާލެ އަމީން އެވެނިއު އިމާރާތަކީ އިންޑިއާގެ އޮފިޝަލެއް ދިރިއުޅުއްވާ އިމާރާތެއް ކަމަށެވެ. ނަމަވެސް އެއީ އެ އޮފިޝަލްގެ ކާރު ކަމެއް ނުވަތަ އެއޮފިޝަލެއްގެ މަސްލަހަތު ހިމެނޭ ކާރެއް ކަމެއް ނޭނގެއެވެ.

މިކަމާ ގުޅޭގޮތުން ޓްރާންސްޕޯޓު މިނިސްޓްރީގެ ބަހެއް ލިބިފައި ނުވާއިރު، ފޮރިން މިނިސްޓްރީން ވަނީ ޑިޕްލޮމެޓުންގެ ކާރުގައި "ޑީޕީއެލް" ރަޖިސްޓްރީ ބޯޑު ހަރުކޮށްފައި ހުންނާނެ ކަމަށް ބުނެފައެވެ.