މާލެ އިންޑަސްޓްރިއަލް ވިލެޖު ހިއްކި މަގުސަދު ހާސިލް ނުވެ ގޮނޑަކަށް ވަނީ ބަދަލުވެފައި ކަމަށް ކުރީގެ ހަައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މުއިއްޒު ވިދާޅުވީ، މާލެ އިންޑަސްޓްރިއަލް ވިލެޖުގެ މަގުސަދަކީ މާލެ ތެރޭގައި މީހުން އުޅޭ ސަރަހައްދުތަކުގައި ހުރުން ރަނގަޅު ނޫން ގުދަން، ވޯކްޝޮޕް ފަދަ ތަންތަން މާލެ އިންޑަސްޓްރިއަލް ވިލެޖަށް ބަދަލުކޮށް މާލެ ތެރެއަކީ ރައްޔިތުންނަށް ހިތްފަސޭހަ މާހައުލަކަށް ބަދަލު ކުރުން ކަމަށެވެ.

މުއިއްޒު ވިދާޅުވީ، އިންޑަސްޓްރިއަލް ވިލެޖު ގާއިމު ކުރުމަށް މޯޅްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އާ އެކު އެގްރީމަންޓެއް ގާއިމު ކޮށްފައިވާ ކަމަށާ، އެސްޓީއޯގެ ދަށުގައި މާލެ ތެރޭގައި ހުރި ގިނަ ބިންތައް ނަގާ އޭގެ ބަދަލުގައި މަލްޓިސްޓޯރީ ވެއާހައުސިން ބިލްޑިން އެއް އެޅުމަށް ބިން ހަވާލުކޮށްފައި ވާނެ ކަމަށެވެ. އަދި މާލޭގެ ޑީވޯޓަރިން މައްސަލަ ހައްލު ކުރުމަށް ޕަމްޕްސްޓޭޝަން ގާއިމު ކުރަން އެމްޑަބްލިއުއެސްސީ އާ ވެސް ބިން ހަވާލުކޮށްފައިވާ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެ އިތުރުން މުއިއްޒު ވިދާޅުވީ، ދޯނި ފަހަރަށް ތެޔޮއަޅަން ފިއުލް ޑިސްޕެންސާ ސިސްޓަމް އެއް ގާއިމު ކުރުމަށް އެސްޓީއޯ އަށް ބިން ހަވާލުކޮށްފައި ވާ ކަމަށެވެ. އަދި މާލެ އިންޑަސްޓްރިއަލް ވިލެޖަށް އެ ސަރަހައްދަށް ބޭނުންވާ ޕަވާ ގާއިމު ކުރުމަށް ސްޓެލްކޯ އާ ބިން ހަވާލުކޮށް، 20 ބުރީގެ ޕާކިން ބިލްޑިން އެއް އެޅުމަށް ޕްލޭންކޮށް ބިން ކަނޑައަޅާފައި ވެސް ވާނެ ކަމަށް މުއިއްޒު ވިދާޅުވިއެވެ.

ޓްވިޓާގެ ޒަރިއްޔާއިން ކަންބޮޑުވުން ފާޅުކުރައްވަމުން މުއިއްޒު ވަނީ ހަވާލު ކޮށްފައިވާ ގިނަ މަޝްރޫއުތައް ކުރިއަށް ދާތަން ފެނިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.

އިންޑަސްޓްރިއަލް ވިލެޖު ސަރަހައްދުގައި އެތައް އުޅަނދެއް ޕާކު ކޮށްފައި ވާއިރު، އެ އުޅަނދުތަކަށް ވުރެ ގިނައިން އެތަނަށް އަޅާފައި ހުންނަ ކުންޏާއި، ހަލާކުވެފައި ހުންނަ އުޅަނދުތައް ގިނައެވެ.