ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ސުވާލު ކުރެއްވުމަށް ތާވަލު ކޮށްފައިވީ ނަމަވެސް، ހައްޖު ރޯގާ ޖެހިގެން އުޅުއްވާތީ މިއަދު ހާޒިރުވެވަ ޑައިގަންނަވަން އުޒުރުވެރި ވެވަޑައިގަންނަވާ ކަމަށް ވިދާޅުވެއްޖެއެވެެ.
މިނިސްޓަރު އިމްރާން މަޖިލީހަށް ހާޒިރު ކުރައްވަން ނިންމެވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިި ވާ ސުވާލުތަކާ ގުޅިގެންނެވެ.
ޖާބިރު މަޖިލީހަށް ހުށަހެޅުއްވި ސުވާލުގައި ވަނީ ފެބްރުއަރީ 6، 2012 ވަނަ ދުވަހުގެ ރޭގައި، ޢައިރު ގާނޫނީ އަމުރު ކުރިކަމަށް ބުނެ ފުލުހުންގެ ވެރިންނަށް ކިޔަމަން ނުވި ފުލުހުންތަކެއްގެ މައްސަލަ ހައްލުނުވެ، ފެބްރުއަރީ 7، 2012 ވަނަ ދުވަހު ހިނގައި ދިޔަ ހަމަނުޖެހުން ތަކުގެ ސަބަބުން އޭރުގެ ރައީސް އިސްތިއުފާ ދެއްވާފައި ވާތީ އަދި ފެބްރުއަރީ 8، 2012 ވަނަ ދުވަހު ރައްޔިތުންތަކެއް ނުކުމެ މާލެއާއި ބައެއް ރަށްރަށުގެ ފުލުސް ސްޓޭޝަންތަކާއި ވެހިކަލް ތަކާއި ކޯޓުތަކުގައި ހުޅުޖެހި މައްސަލައިގައިއެވެ.
އަދި ފުލުހުންގެ ތެރޭގައި މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ގެނެވިފައިވާ ބަދަލު ތަކަކީ ކޮބައިތޯއާއި ފުލުހުންގެ އިމާރާތްތަކުގެ ސަލާމަތަށް އަޅާފައިވާ ފިޔަވަޅުތަކަކީ ކޮބައިތޯ ސުވާލު ކުރެއްވުމަށެވެ.
ނަމަވެސް މިއަދުގެ މަޖިލީހުގެ ޖަލްސާ ފައްޓަވަމުން، މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މިނިސްޓަރު އިމްރާން އެމަނިކުފާނަށް ސިޓީއެއް ފޮނުއްވާފައި ވާ ކަމަށާ، އިމްރާން ވިދާޅުވެފައި ވަނީ ހައްޖު ރޯގާގެ ތުރާގައި އުޅުއްވާތީ މިއަދު ވަޑައިގެންނެވެން ނެތް ކަމަށެވެ.
އިމްރާން ހޯމް މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވި ފަހުން، މަޖިލީހަށް ހާޒިރު ކުރުމަށް މެންބަރަކު އެދިވަޑައިގެންނެވި މިއީ ދެވަނަ ފަހަރެވެ. މީގެ ކުރިން އިމްރާން މަޖިލީހަށް ހާޒިރު ކުރެއްވީ، ނޮވެމްބަރު 3 ގެ އުދުވާނީ ހަމަލާގެ މޭސްތިރި ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ފިލައިގެން އުޅުނު މައްސަލައިގައެވެ.