އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އެއްވެސް އަސާސަކާވެސް ހިލާފުވާ ކަމެއް ނޫން ކަމަށް އެމްޑިޕީއިން ބުނެފި އެވެ.

އެމްޑިޕީއިން ނެރުނު ނޫސް ބަޔާނުގައި ބުނެފައި ވަނީ، އަންހެނުން ފަނޑިޔާރު ކަމަށް އައްޔަން ކުރުމަކީ އިސްލާމް ދީނުގެ އަސާސަކާ ހިލާފުވާ ކަމެއް ކަމަށް އެ ޕާޓީއިން ނުދެކޭ ކަމަށާ، މިކަމަށް ކޮށްފައިވާ ގިނަ ދިރާސާތަކާއި، ބައިނަލްއަގްވާމީ ގިނަ އިސްލާމީ ޖަމްއިއްޔާ ތަކުން މިކަމުގައި ދެކޭ ގޮތަށް ބަލާއިރު، ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން ތިބުމަކީ އެ ޖަމްއިއްޔާތަކުގެ ރައުޔުގައި އިސްލާމް ދީނުގެ އެއްވެސް އަސްލަކާ ހިލާފު ކަމެއް ނޫންކަމަށް އެމްޑީޕީއިން ބުންޏެެވެ.

އެމްޑިޕީއިން ވަނީ ސުޕްރީމް ކޯޓުގެ އަންހެން ފަނޑިޔާރު ކަމަށް ޑރ. އަޒްމިރާލްދާ ޒާހިރާއި، އަލްއުސްތާޒާ އާއިޝާ ޝުޖޫން މުހައްމަދު އައްޔަން ކުރަން ޖޭއެސްސީގެ މަޝްވަރާއަށް ރައީސް ސާލިހް އެ ދެ ބޭފުޅުންގެ ނަން ފޮނުއްވާފައި ވާތީ، ރައީސް ސާލިހަށް މަރުހަބާ ދަންނަވާފަ އެވެ.

ރައީސް ސާލިހް ޖޭ.އެސް.ސީ އަށް ނަން ފޮނުއްވި ދެ ބޭފުޅުންނަކީ އަންހެން ދެބޭފުޅުން ކަމަށް ވާތީ، ބައެއް ފަރާތްތަކުން ދައްކަމުން ދާ ވާހަކަތަކާ ގުޅޭ ގޮތުން އެމްޑިޕީއިން ބުނީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީ އަށް ރިއާޔަތް ކުރާ އިރު ފަނޑިޔާރު ކަމުގެ މަގާމަށް އަންހެން ބޭފުޅަކު އައްޔަން ކުރުމަކީ ގާނޫނު އަސާސީއާއި ރާއްޖޭގައި އަމަލު ކުރަމުން އަންނަ އެއްވެސް ގާނޫނަކާ ހިލާފު ކަމެއް ނޫން ކަމަށެވެ.

އަދި މިނިވަން ދިމިގްރާތީ އިސްލާމީ މުޖްތަމައުތަކުގައި އަންހެން ޖިންސުގެ ފަނޑިޔާރުން ކޯޓުތަކުގައި ފަނޑިޔާރުކަން ކުރަމުން ގެންދާތާ އެތައް އަހަރުތަކެއް ވެފައިވާ ކަމަށާ، ދުނިޔޭގެ މުސްލިމުން ގިނަ އެހެން ގައުމުތައް ކަމުގައިވާ އިންޑޮނީޝިޔާ އާއި އަދި ސައޫދީ އަރަބިއްޔާ ހިމެނޭ ގޮތުން މެދު އިރުމަތީގެ ގިނަ ގައުމުތަކެއްގައި ވެސް އަންހެން ޖިންސުގެ ފަނޑިޔާރުން ޝަރީއަތް ކުރަމުން އަންނަކަމަށް އެމްޑީޕީއިން ބުނެއެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ދެބައިކުޅަ އެއްބަޔަށް ވުރެ ބޮޑު ބައެއް ހިއްސާ ކުރަނީ އަންހެނުން ކަމަށާ، ގައުމު ބިނާ ކުރުމުގެ މަސައްކަތުގައި ވަކީން ހާއްސަކޮށް، ޕްރޮފެޝަނަލް މަސައްކަތްތައް ކުރުމުގައި އާބާދީގެ ދެބައިކުޅަ އެއްބައި ބާކީ ކޮށްފައި ގައުމެއް ބިނާ ކުރެވިދާނެ ކަމަށް ގަބޫލު ނުކުރާ ކަމަށް އެމްޑީޕީއިން ބުނެއެވެ. އަދި އިގްތިސާދީ ކަންކަމުގެ އިތުރުން އިޖްތިމާއީ އެންމެހައި ކަންކަމުގައި ވެސް ބަސްބުނެ ގޮތް ނިންމުމުގެ ބާރު ފިރިހެނުންނެކޭ އެއް ގޮތަށް އަންހެނުންނަށް ވެސް ލިބިދޭން ޖެހޭނެ ކަމަށާ، އެ ޕާޓީއިން ގަބޫލު ކުރާ އެއްމެ އަސާސީ އެއް އުސޫލަކީ، އިންސާނަކު ނިސްބަތްވާ ޖިންސެއްގެ ސަބަބުން އެމީހަކު ކުރަން ބޭނުންވާ މަސައްކަތެއް ކުރުން އޭނާއަށް ހުރަހަކަށް ވެގެން ނުވުން ކަމަށެވެ.

އަދި މީގެ އެތައް އަހަރެއް ކުރީން ވެސް ރާއްޖޭގެ ޝަރުއީ ކޯޓުތަކުގައި ޝަރީއަތް ކުރުމަށް އަންހެން ޖިންސުގެ ފަނޑިޔާރުން އައްޔަން ކޮށްފައި ވާ ކަމަށާ، އެހެން ކަމުން ރައީސް ސާލިހް ޖޭ.އެސް.ސީ އަށް ނަން ފޮނުއްވި އަންހެން ދެ ފަނޑިޔާރުންނަކީ ދިވެހިރާއްޖޭގެ ހައިކޯޓުގައާއި ސިވިލް ކޯޓުގައި އެތައް ބައިވަރު ޝަރީއަތްތަކެއް ކުރައްވައި އެކަމުގެ އެތައް ބައިވަރު ތަޖުރިބާ ތަކެއް ލިބިވަޑައިގެން ފައިވާ ކުރީގެ ދެ ފަނޑިޔާރުން ކަމަށް އެމްޑީޕީއިން ބުންޏެވެ.