އެމްއެންޑީއެފާއި އެމެރިކާ ސިފައިން ގުޅިގެން އެކްސަސައިޒް ފްލޭޝް މެޓަލް ފަށައިފިއެވެ.
ދިވެހި ސިފައިންނާއި އެމެރިކާގެ ނޭވީ ސީލް ގުޅިގެން "އެކްސަސައިޒް ފްލޭޝް މެޓަލް 19-01" ފަށާފައިވަނީ އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ހެޑްކްއޯޓާޒް، ލ.ކައްދޫގައެވެ. މިއަދުން ފެށިގެން އަންނަ މަހުގެ 17 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނު ފެށުމުގެ ގޮތުން އެމްއެންޑީއެފް ސެންޓްރަލް އޭރިއާ ކައްދޫގައި މިއަދު ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
އެއްގަމާއި ކަނޑުގެ ސަރަހައްދުތަކުގައި ކުރިއަށްގެންދިޔުމަށް ހަމަޖެހިފައިވާ މި ތަމްރީނުތަކުގައި އެމްއެންޑީއެފް ސްޕެޝަލް ފޯސަސްއާއި އެމްއެންޑީއެފް މެރިންކޯ އަދި އެމްއެންޑީއެފް ކޯސްޓްގާޑުގެ ސިފައިން ބައިވެރިވެއެވެ. މީގެ އިތުރުން މުދައްރިބުންގެ ގޮތުގައި އެމެރިކާގެ ނޭވީ ސީލްގެ ސިފައިން މި ތަމްރީނުތަކުގައި ހަރަކާތްތެރިވެއެވެ.
މި އެކްސަސައިޒް ފެށުމުގެ ގޮތުން ބޭއްވި ހާއްސަ ރަސްމިއްޔާތުގައި، އެމްއެންޑީއެފް ސެންޓްރަލް އޭރިއާގެ އޮފިސަރުންނާއި، އެމެރިކާ އަސްކަރިއްޔާގެ ނޭވީ ސީލްގެ ސިފައިންގެ އިތުރުން އެކްސަސައިޒްގައި ބައިވެރިވާ ދިވެހި ސިފައިން ވެސް ބައިވެރިވެފައިވެއެވެ.