މުޅި ރާއްޖެއިން އަތްފުނާ އަޅުއްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ހުށަހެޅުއްވީ ވަރަށް ކުޅަދާނަ ދެ އަންހެން ބޭފުޅުން ކަމަށް ކުރީގެ ބަންޑާރަ ނައިބު ދިޔާނާ ސައީދު ވިދާޅުވެއްޖެއެވެ.

ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ސޯލިހް ހުށަހެޅުއްވީ ވަރަށް ކުޅަދާނަ ދެ އަންހެން ބޭފުޅުން ކަން ފާހަގަ ކުރައްވަމުން ދިޔާނާ ކުރެއްވި ޓްވީޓެއްގައި ވަނީ، އަންހެން ފަނޑިޔާރުން އައްޔަން ކުރުމާ ދެކޮޅަށް ސަކަރާތް ޖެހުމުގެ ބެނުމަކީ ކޮބާތޯ އައްސަވާ ސުވާލު އުފައްދަވާފައެވެ.

އަމުދަކުން ތިޔަވަރުގެ މަގަމަކަށް ކުރިމަތިލާން ބޭނުން ބޭފުޅަކު އަދި ހުންނެވިޔަސް ތިޔަ ދެއްވީ އެކަށީގެންވާ ވަގުތެއް ނޫން
ދިޔާނާ

ދިޔާނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމަށް ރައީސް ސޯލިހް ދެ ނަމެއް ހުށަހަޅުއްވާފައި ވާކަން އިއުލާންކުރައްވާފައި ވަނިކޮށް އެކަމަށް، އެހެން މީހަކު ކުރިމަތިލާން އުޅެފިއްޔާ ވާނީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު، ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމްގެ ނަން މަޖިލިސް ރައީސް ކަމަށް ހުށަހަޅުއްވައިގެން ވީވަރު ކަމަށެވެ. ދިޔާނާ ވިދާޅުވީ އެވަރުގެ މަގާމަކަށް ކުރިމަތިލާން ބޭނުން ބޭފުޅަކު ހުންނެވިއަސް އެ ބޭފުޅަކު އެ ދެއްވަނީ އެންމެ އެކަށީގެންވާ ވަގުތު ނޫން ކަމަށެވެ.

ދިޔާނާ މި މޭރުމުން ޓްވީޓް ކުރެއްވީ، ސުޕްރީމް ކޯޓަށް އައްޔަން ކުރުމަށް އައިޝާ ޝުޖޫން މުހައްމަދާ ޑރ. އަޒްމިރަލްޑާ ޒާހިރުގެ ނަން ރައީސް ސޯލިހް ހުށަހަޅުއްވާ، އެ ދެ ބޭފުޅުންގެ ނަން ޖޭއެސްސީން ބަލައިގެންފައި ވަނިކޮށެވެ. ރައީސް ސޯލިހްގެ މި ހުށަހެޅުމަށް ގިނަ އަދަދެއްގެ އިލްމުވެރިން ވަނީ ދެކޮޅު ހައްދަވާ އެއީ އިސްލާމްދީނުގައި ހުއްދަ ނޫންކަމެއް ވިދާޅުވެ ފާޑުވިދާޅުވެ އެކަން އެގޮތަށް ނުކުރުމަށް އިލްތިމާސް ވެސް ކުރައްވާފައެވެ.

ނަމަވެސް، މިކަމާ ގުޅިގެން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް ތަބާރީ، އިބްނު ހަޒްމް، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށް ވިދާޅުވެ ޓްވީޓް ކުރައްވާފަވެ. އަދި ޔޫސުފުލް އަލް ގަރާދަވީ، އަބްދުލްކަރީމް ޒައިދީން އަދި ސައީދު ރަމަދާން ފަދަ މިހާރުގެ ގިނަ އިލްމުވެރިން ވެސް ވިދާޅުވަނީ އެހެން ކަމަށް ރައީސް މައުމޫން ވިދާޅުވިއެވެ.