މިދިޔަ ޖުލައި މަހު، މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއަށް ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ ރިޕޯޓުކޮށް، އެ މިނިސްޓްރީން އެޓެންޑް ކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެފިއެވެ.

ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 105 މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައި ވަނީ ޖިންސީ ހާނިއްކައިގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ހާނިއްކައިގެ 34 މައްސަލަ ރިޕޯޓު ކޮށްފައިވާއިރު، އިހުމާލުގެ 25 މައްސަލަ، ޖިސްމާނީ ހާނިއްކައިގެ 19 މައްސަލަ އަދި ނަފްސާނީ ހާނީއްކައިގެ 11 މައްސަލަ ވެސް ވަނީ ރިޕޯޓްކޮށްފައެވެ. ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭގޮތުން އިތުރަށް ރިޕޯޓް ކޮށްފައިވާ މައްސަލަތަކުގެ ތެރޭގައި، އެހެން ކުދިންގެ ފަރާތުން ގަނާލިބުމުގެ އަށް މައްސަލަ އަދި ކުދިންގެ ވަގުވިޔަފާރި ކުރުމުގެ މައްސަލައެއް ހިމެނެވެ.

ހައްގުތަކުން ކުޑަކުދިން މަހްރޫމު ކުރުމުގެ ހަތަރު މައްސަލަ މިދިޔަ މަހު ރިޕޯޓު ކޮށްފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ތައުލީމަށް ހުރަސް އެޅުމާއި، ބޯހިޔާވަހިކަން ފޯރުކޮށް ނުދިނުމުގެ އިތުރުން އުފަންވުން ރަޖިސްޓްރީނުކުރުމާ ބެހޭ މައްސަލަތައް ހިމެނެއެވެ. އާއިލީ 27 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރޭގައި ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ނުކުރެވޭ 14 މައްސަލައާއި ކުދިން ބެލުމުގައި ދިމާވާ 10 މައްސަލަ އަދި ދަރިންގެ ހަރަދު ދިނުމުގައި ދިމާވި ތިން މައްސަލައެއް ހިމެނެއެވެ.

ޖެންޑާ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ، އެކި ބާވަތުގެ ކުށްކުރާ ކުޑަކުދިންގެ ތިން މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅައިފައިވާ ކަމަށާއި، ކުޑަކުދިންގެ އަހުލާގާ ގުޅުން ހުރި 19 މައްސަލަ ހުށަހަޅައިފައިވާ ކަމަށެވެ. މި ފަދަ މައްސަލަތަކުގެ ތެރޭގައި ގެއިން ނުކުމެގެން ދިޔުމުގެ ތިން މައްސަލައާ، ސްކޫލަށް ދާން ބޭނުންނުވުމުގެ ނުވަ މައްސަލަ ހިމެނެއެވެ.

ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 35 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައި ވާއިރު، މި ފަދަ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓު ކޮށްފައި ވަނީ އެކި ބާވަތުގެ ޖިސްމާނީ އަނިޔާ ކުރުމުގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 13 މައްސަލަ މި މުއްދަތުގެ ތެރޭގައި ރިޕޯޓު ކޮށްފައި ވެއެވެ. މީގެ އިތުރުން، ޖިންސީ ހާނިއްކަ ކުރުމުގެ ފަސް މައްސަލަ، ރޭޕްކުރުމުގެ ހަތަރު މައްސަލަ، ނަފްސާނީ އަނިޔާ ކުރުން ނުވަތަ އަނގަބަހުން ކުރެވޭ އަނިޔާގެ ހަތް މައްސަލަ، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމާ ގުޅޭ ތިން މައްސަލަ އަދި އިހުމާލުވުމުގެ ދެ މައްސަލައިގެ އިތުރުން ބާރާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް އަދި ފާރަލުމުގެ މައްސަލައެއް މީގެ ތެރޭގައި ހިމެނެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިކަން ބޭނުން ވެގެން ނުވަ މައްސަލަ މިދިޔަ މަހު މިނިސްޓްރީއަށް ވަނީ ހުށަހަޅައިފައެވެ. އެއީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ފަސް މައްސަލައާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން ހުށަހަޅައިފައިވާ ހަތަރު މައްސަލައެވެ. އަދި މީގެ އިތުރުން އަމިއްލަ ނަފުސަށް ގެއްލުންދިނުމާ ގުޅޭ 12 މައްސަލަ މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓުކޮށް އެޓެންޑްކޮށްފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.

މިދިޔަ ޖުލައި މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކޮށް، އެޓެންޑް ކޮށްފައިވަނީ ޖުމްލަ 214 މައްސަލައެވެ.