ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓެއް ހުށަހަޅައިފިއެވެ.

މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ހުށަހެޅި ބަޖެޓަށް އިތުރު ކުރި 1.7 ބިލިއަން ރުފިޔާގެ ސަޕްލިމެންޓްރީ ބަޖެޓް މަޖިލީހަށް ހުށަހަޅާ، އިގްތިސާދީ އަދި މާލީ ކޮމިޓީ އެއްވެގެން ހަދާފައިވާ ކޮމިޓީއަކަށް ދިރާސާ ކުރުމަށް ވަނީ ފޮނުވާފައެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަން ނިންމީ މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމުން، އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ދަތިވާތީ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

ސަޕްލިމެންޓްރީ ބަޖެޓާއެކު މިއަހަރުގެ މުޅި ޖުމްލަ ބަޖެޓަކީ 31.9 ބިލިއަން ރުފިޔާއެވެ. މިއީ މިހާތަނަށް ރާއްޖޭގައި ހުށަހެޅި އެންމެ ބޮޑު ބަޖެޓެވެ. ސަޕްލިމެންޓްރީ ބަޖެޓާ އެކު އަދި ބަޖެޓުގެ އޯވަރޯލް ޑެފިސިޓް 4.9 ބިލިއަން ރުފިޔާ އަށް އިތުރު ވާނެއެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވާ ބަޖެޓުން މިހަތަނަށް 14.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި މިއަހަރު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.5 ބިލިއަން ރުފިޔާއެވެ.

މަޖިލީހަށް ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މިއަދާ މާދަމާ އެއްކޮށް ކޮށް، މާދަމާ ރޭ ބަޖެޓް ފާސް ކުރުމަށް ނިންމާފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.