މިއަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް ފައިސާ އިތުރު ކުރުމަށް، ހުށަހެޅި ސަޕްލިމެންޓްރީ ބަޖެޓްގެ މަސައްކަތް މިއަދާ މާދަމާ ކޮށް، މާދަމާ ސަޕްލިމެންޓްރީ ބަޖެޓް ފާސްކުރާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ނަޝީދު މިހެން ވިދާޅުވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މަޖިލީހަށް ހުށަހެޅުއްވި ސަޕްލިމެންޓްރީ ބަޖެޓާ ގުޅިގެން ވާހަކަފުޅު ދައްކަވަމުންނެވެ.

ފިނޭންސް މިނިސްޓަރު ފޮނުއްވި ސިޓީގައި ވަނީ 2019 ވަނަ އަހަރަށް ރައްޔިތުންގެ މަޖިލީހުން ފާސްކުރި ބަޖެޓަށް ވުރެ އިތުރަށް އަހަރުގެ ތެރޭގައި ހަރަދުވެދާނެ ކަމަށް އަންދާޒާ ކުރެވޭތީ 2019 ވަނަ އަހަރުގެ ބަޖެޓަށް ވުރެ އިތުރަށް ހަރަދު ކުރުމަށް ގާނޫނުއަސާސީގެ 96 ވަނަ މާއްދާއާ ގާނޫނު ނަންބަރު 2006/3 ދައުލަތުގެ މާލިއްޔަތު ގާނޫނުގެ 32 ވަނަ މާއްދާގެ (ބ) ގެ ދަށުން ބަޖެޓަށް އިތުރަށް ބޭނުންވާ ފައިސާ މަޖިލީހަށް ހުށަހަޅާ ފާސްކުރުމަށް ބަޖެޓް ތާވަލްތަކާ ކަރުދާސްތައް ފޮނުއްވާ ކަމަށެވެ.

ނަޝީދު ވިދާޅުވީ ފިނޭންސް މިނިސްޓަރު ހުށަހަޅުއްވާފައި ވަނީ ބަޖެޓަށް ފައިސާ އިތުރު ކުރެއްވުމަށް ކަމުން، އެފަދަ ހުށަހެޅުމެއް ހުށަހަޅަން ޖެހޭ އިޖްރާއަތްތަކުގެ ދަށުން އެކަންކަން ހިނގަމުން ދާނެ ކަމަށެވެ. އަދި އެމަނިކުފާނު ގަސްދު ކުރައްވަނީ މާލިއްޔަތު ގާނޫނާ މަޖިލީހުގެ ގަވާއިދު ގައިވާ ގޮތުގެ މަތިން އެ މައްސަލަ އިގްތިސާދީ ކޮމިޓީއާ މާލިއްޔަތު ކޮމިޓީ އެއްވެފައި އޮންނަ، ފައިސާ އިތުރުކޮށްދިނުމާ ގުޅޭ ކަންކަމުގެ ކޮމިޓީއަށް ދިރާސާ ކުރުމަށް ފޮނުއްވުމަށް ކަމަށެވެ.

އަދި އެ ކޮމިޓީން މަސައްކަތް ކުރުމަށް ފަހު ރިޕޯޓް މަޖިލީހުގެ ތަޅުމަށް ފޮނުވީމައި ދެން އެއަށް ބަހުސް ކޮށްފައި އެ ރިޕޯޓް މި މަޖިލީހުން ފާސް ކުރައްވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

"މިއަދު އަޅުގަނޑު އެދެން، މިއަދު ހަތަރުދަމު ކޮމިޓީން މި ރިޕޯޓް ދިރާސާކުރުމަށްފަހުގައި މާދަމާ އަދި މާދަމާ ރޭގެ ނިޔަލަށް އިސްލާހު ހުށަހެޅުމަށް ވަގުތު ދެވި މާދަމާ ދޭ މި އިތުރު ފައިސާ ހޯދުމުގެ ކަންތަކާ ގުޅޭގޮތުން މަޖިލީހުން ގޮތެއް ނިންމާ ދެއްވުމަށް. އަޅުގަނޑު އަމާޒަކީ މިއަދާ މާދަމާ މި މަސައްކަތްކުރެވި މާދަމާ ރޭ މިކަމުގައި ގޮތެއް ނިންމާނެ ގޮތެއްވުން،"
ނަޝީދު

ގާނޫނު އަސާސީގެ 96 ވަނަ މާއްދާގެ (ނ) ގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުން ހުއްދަ ލިބިގެން މެނުވީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުގައިވާާ މިންވަރަށް ވުރެ ހަރަދު އިތުރު ކޮށްގެނެއް ނުވާނެ ކަމަށެވެ. އަދި ބަޖެޓުގައި ވަކި ކަމަކަށް ހަރަދެއް ކުރުމަށް ކަނޑައަޅައިފައި ވާނަމަ އެ ހަރަދެއް ކުރަން ވާނީ އެކަމަކަށް އެކަނި ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ މީގެ ކުރިން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަން ނިންމާފައި ވަނީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމުން، އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ދަތިވާތީ ކަމަށެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިދިޔަ ސަރުކާރުން ބަޖެޓް އެކުލަވާލުމުގައި މި ސަރުކާރުގެ އިސް ފަރާތްތައް ބައިވެރިކޮށް، ބޭނުންވާ ޕްރޮޖެކްތައް ހިމަނާފައި ވާ ކަމަށް ކުރީ ސަރުކާރުން ބަޖެޓް އެކުލަވާލި އިރު ބުނެފައި ވެއެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން މިހަތަނަށް 14.7 ބިލިއަން ރުފިޔާ ހަރަދު ކޮށްފައި ވެއެވެ. އަދި މިއަހަރު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.5 ބިލިއަން ރުފިޔާއެވެ.