ހަތަރުވަނަ އިންޑިއަން އޯޝަން ކޮންފަރެންސް (އައިއޯސީ)ގެ ބައްދަލުވުމަށް ގައުމުތަކުގެ އިސް ބައެއް ވެރިން ރާއްޖެ ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މި ކޮންފަރެންސް އޮންނާނީ އަންނަ މަހުގެ ތިންވަނަ ދުވަހު އެވެ. އިންޑިއަން އޯޝަން ފައުންޑޭޝަނުން ބުނީ މިއަހަރުގެ ކޮންފަރެންސްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ގުޅުންހުރި ދާއިރާތަކުން މަޝްވަރާ ކުރެވޭނެ ކަމަށެވެ. އަދި ބައިނަލްއަގްވާމީ ގާނޫނުތަކާ ހިލާފަށް އިންޑިއާ ކަނޑުގައި މަސްވެރިކަން ކުރަމުން ދިއުމާއި ގުޅޭ ގޮތުންވެސް މަޝްވަރާ ކުރެވިގެން ދާނެ ކަމަށް އިންޑިއަން އޯޝަން ފައުންޑޭޝަނުން މައުލޫމާތުދެއެވެ. މީގެއިތުރުން މިހާރު ދުނިޔޭގައިވެސް އެންމެ ގަދައަށް ދައްކަމުން އަންނަ އެއް ވާހަކަ ކަމަށްވާ ޓެރަރިޒަމާއި ދެކޮޅަށް ކުރާ މަސައްކަތްތަކާ ގުޅޭ ގޮތުންވެސް މި ކޮންފަރެންސްގައި މަޝްވަރާ ކުރާނެއެވެ. އަދި ނެވިގޭޝަން ސެކިއުރީޓީއާ ގުޅޭ ގޮތުންވެސް މިއަހަރުގެ ކޮންފަރެންސްގައި މަޝްވަރާ ކުރެވިގެންދާނެއެވެ.

މި ކޮންފެރެންސް ފެށުމުގެ ރަސްމިއްޔާތުގައި، ލަންކާގެ ބޮޑު ވަޒީރު ރަނިލް ވިކްރަމަސިންހަ އާއި، ރައީސް އިބްރާހީމް މުހައްދު ސާލިހާއި، މެލޭޝިއާގެ ޑެޕިއުޓީ ޕްރައިމް މިނިސްޓަރު ޑރ. ވާން އަޒީޒާ ވާން އިސްމާއީލް އާއި، އިންޑިޔާގެ އެކްސްޓާނަލް އެފެއާޒްގެ މިނިސްޓަރު ޖައިޝަންކަރާއި، ސިގަޕޫރުގެ ފޮރިން މިނިސްޓަރު ބަލަކްރިޝްނަންއާ، ސީޝެލްގެ ވައިސް ޕްރެޒިޑެންޓް ވިންސެންޓް މެރިޓޯނާއި، ޖިބޫޓީގެ ރައީސް އިސްމާއީލް އުމަރު ބައިވެރިވަޑައިގަންނަވަ އެވެ.

މިއަހަރުގެ ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާއި ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ލަންކާގެ ބޮޑުވަޒީރު ރަނިލް ވިކްރަމަ ސިންހައާއި އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޖޭ ޝަންކަރުގެ އިތުރުން ސިންގަޕޫރުގެ ފޮރިން މިނިސްޓަރު ވިވިއަން ބާލާކްރިޝްނަން ވާހަކަފުޅު ދައްކަވާނެއެވެ. އަދި ބޫޓާނުގެ ފޮރިން މިނިސްޓަރު ތަންޑީ ޑޯޖީއާ ނޭޕާލުގެ ފޮރިން މިނިސްޓަރު ޕްރަދީބު ކުމާރާއި ޔޫއޭއީގެ ފޮރިން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު އަހްމަދު އަލީ އަލް ސައީގުގެ އިތުރުން މިސްރުގެ ފޮރިން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަމްދީ ސަނަދު ލޯޒާއާ އެމެރިކާގެ ރައީސް ޑޮނަލްޑު ޓްރަމްޕުގެ ޑެޕިއުޓީ އެސިސްޓެންޓު އަދި ސައުތު އެންޑް ސެންޓްރަލް އޭޝިއާގެ ސީނިއާ ޑައިރެކްޓަރު، ނޭޝަނަލް ސެކިއުރިޓީ ކައުންސިލް ލީސާ ކާޓިޒްވެސް މި ކޮންފަރެންސްގައި ވާހަކަފުޅުދައްކަވާނެއެވެ.

އިންޑިއަން އޯޝަން ކޮންފަރެންސަކީ އިންޑިއާގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމަށްވާ އިންޑިއާ ފައުންޑޭޝަނާއި ސިންގަޕޫރުގެ އެސް ރާޖަރަތުނަމް ސްކޫލް އޮފް އިންޓަނޭޝަނަލް ސްޓަޑީޒްއާ ގުޅިގެން ބާއްވަމުން އަންނަ، މި ސަރަޙައްދުގެ ގައުމުތައް ހިމެނޭ ކޮންފަރެންސެކެވެ.