އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން (އޭޑީއާރް) ގެ މުހިންމުކަން ރާއްޖެއަށް ވެސް މިހާރު ބޮޑު ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަޑިޔާރު ވިދާޅުވީ، ކޯޓުތަކުން ބޭރުގައި މައްސަލަ ހައްލުކުރާ ނިޒާމުން ނުތަނަ އޭޑީއާރްގެ ނިޒާމުން ކޯޓުތަކާއި މައްސަލަ ހުށަހަޅާ ފަރާތްތަކަށް ވެސް ގިނަ ފައިދާތަކެއް ކުރާ ކަމަށެވެ. އަދި އެ ނިޒާމްގެ ދަށުން ކޯޓުތަކަށް ވުރެ އަވަހަށް މައްސަލަތައް ނިމުމާއި އަދި ގާނޫނީ ހަރަދަށް ދައްކަން ޖެހޭ ބޮޑެތި އަދަދުތައް ކުޑަވުމާ މައްސަލަތައް ބެލުމުގައި ދެ ފަރާތުން ބޭނުންވާ މިންވަރަށް ސިއްރުވެރިކަން ހިފެހެއްޓޭ ކަން ފާހަގަ ކުރައްވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، މައްސަލާގައި ހިމެނޭ ފަރާތްތަކުގެ ގުޅުން ހީނަރުވެގެން ނުދިއުމާއި މައްސަލައާ ގުޅުން ހުރި ކަމާ ބެހޭ ދާއިރާތަކުގެ މާހިރުން ބޭނުން ކޮށްގެން މައްސަލަތައް ހައްލު ކުރުމުގެ ފުރުސަތު ވެސް ނި ނިޒާމުގެ ސަބަބުން ފަހިވެގެން ދާނެ ކަމަށެވެ.

ޖުޑީޝަލް އެކްސްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަންގެ ނަމުގައި ރާއްޖޭގައި ކުރިއަށް ގެންދާ ކޮންފަރެންސް ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ، ރާއްޖޭގެ އިގްތިސާދު ކުރިއަރައި، ބޭރުގެ އިންވެސްޓްމަންޓްތައް ރާއްޖެ އަންނަމުން ދާއިރު ވިޔަފާރިއާ ގުޅުން ހުރި ބޮޑެތި މައްސަލަތައް ކޯޓުތަކަށް ހުށަހެޅޭ މިންވަރު ވެސް އިތުރުވާ ކަމަށެވެ. އަދި އާބިޓްރޭޝަންގެ ގާނޫނުގެ ދަށުން އުފެދުނު އާބިޓްރޭޝަން ސެންޓަރުން ވިޔަފާރީގެ ދާއިރާއަށް އިސްކަން ދީގެން ރާއްޖޭގެ ގާނޫނީ ނިޒާމަށް ކުރިއެރުންތައް ގެންނާނެ ކަމާ މެދު ޝައްކު ނުކުރައްވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޖުޑީޝަލް އެކްސްޗޭންޖް އޮން އަލްޓަނޭޓިވް ޑިސްޕިއުޓް ރިޒޮލިއުޝަން ހުޅުވުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޓްވިޓާ

ރަސްމިއްޔާތުގައި އިތުރަށް ވާހަކަ ދައްކަވަމުން، އުއްތަމަ ފަނޑިޔާރު ވިދާޅުވީ، އާބިޓްރޭޝަނަކީ ވެސް އޭޑީއާރް ނިޒާމުގެ ބައެއް ކަމަށާއި، އާބިޓްރޭޝަންގެ އިތުރުން އޭޑީއާރްގެ އެހެން ނިޒާމުތައް ވެސް ރާއްޖޭގައި ކުރިއަރުވަން މަސައްކަތް ކުރަން އާބިޓްރޭޝަން ސެންޓަރުން މަސައްކަތް ކުރާނެ ކަމުގެ އުއްމީދު ކުރައްވާ ކަމަށެވެ. މީގެ އިތުރުން، އުއްތަމަ ފަނޑިޔާރު ވަނީ އާބިޓްރޭޝަން ސެންޓަރަށް ޖުޑިޝަރީގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާފައެވެ.

އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ އެހީގައި ރާއްޖޭގެ އާބިޓްރޭޝަންގެ ސެންޓަރާއި ސިލޯން ޗެމްބާ އޮފް ކޮމާސް އަދި އެމެރިކާގެ ޑިޕާޓްމެންޓް އޮފް ކޮމާޝަލް ލޯ ގުޅިގެން ދެ ދުވަހުގެ މުއްދަތަށް ބާއްވާ އެ ކޮންފަރެންސްގައި ސުޕްރީމް ކޯޓާއި ހައި ކޯޓު އަދި ސިވިލް ކޯޓުގެ 15 ފަނޑިޔާރުން ބައިވެރިވެވަޑައިގަންނަވައެވެ.