ޕާކް ކޮށްފައި އޮތް ޓެކްސީ އަކުން ވައްކަން ކުރަން އުޅުނު މީހަކު ފުލުހުން ހިފަހައްޓައިފިއެވެ.

ފުލުހުުން ބުނީ، އިންޑަސްޓްރިއަލް ޒޯނުގައި ޕާކް ކޮށްފައި އޮތް ޓެކްސީއަކުން ވައްކަން ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައި ވަނީ އުމުރުން 34 އަހަރުގެ ފިރިހެނެއް ކަމަށެވެ. ފުލުހުން ބުނީ މި މީހާ ހައްޔަރު ކޮށްފައި ވަނީ ރޭ މެންދަމު 2:31 ހާއިރު ކަމަށެވެ.

ވައްކަން ކުރަން އުޅުނުކަމުގެ ތުހުމަތުގައި އެ މީހާ ހައްޔަރު ކުރީ، ޓެކްސީގެ ފަހަތު ދޮރުގެ ބިއްލޫރި ގަނޑު ނައްޓާލައިގެން ވަދެ ޓެކްސީ ތެރޭގައި އިންދާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ފުލުހުން ބުނީ، މާލެތެރެ ޕެޓްރޯލް ކުރަން އުޅުނު ފުލުހުންނަށް ފެނިގެން އެ މިހާ ހުއްޓުވާ ބަލާ ފާސްކުރި އިރު ކަށިގަނޑަކާއި ކަޓަރެއް ފެނިފައިވާ ކަމަށެވެ.

އިންޑަސްޓްރިއަލް ޒޯނުގައި ޕާކް ކޮށްފައި އޮތް ޓެކްސީ އަކުން ވައްކަން ކުރަން އުޅެނިކޮށް ފުލުހުން ހިފަހައްޓައިފި / ފޮޓޯ: ޕޮލިސް

ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މިފަހަކަށް އައިސް ރާއްޖޭގައި ވައްކަން ކުރުމާއި ފޭރުމަކީ އާންމު ކަމަކަށް ވަމުން ދާއިރު، ނިމިދިޔަ އީދު ބަންދުގައި އެކަނިވެސް މާލެއިން 69 ވައްކަމުގެ މައްސަލަ އަދި ފޭރުމުގެ 13 މައްސަލަ ފުލުހުންނަށް ހުށަހަޅާފައި ވެއެވެ.