ދަށު ކޯޓުތަކުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް މެންބަރަކު އައްޔަންކުރުމަށް ބާއްވާ އިންތިހާބުގެ ވޯޓުލުމުގައި 33 ޕަސެންޓް މީހުން ވޯޓުލައިފިއެވެ.

މިއަދު ހެނދުނު 09:00 އިން މި އިންތިހާބުގެ ވޯޓުލުން ފަށައިފައި ވާއިރު، ވޯޓުލުން ކުރިއަށް ދާނީ ހަވީރު 17:00 އާ ހަމައަށެވެ. 7 ދާއިރާ ނޫން އެހެން ހުރިހާ ދާއިރާއެއްގެ ވޯޓުލުން ފެށިފައިވާއިރު، ރ. ޖުޑިޝަލް ދާއިރާ އަދި ދ. ޖުޑިޝަލް ދާއިރާގެ ވޯޓުލުން ވަނީ ނިމިފައެވެ.

މި އިންތިހާބުގެ ވޯޓު ފޮށިތައް ކޮންމެ އަތޮޅެއްގެ ވެރި ރަށުގައާއި، މާލެ ސިޓީ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީގައި ބަހައްޓާފައި ވާއިރު، މާލޭގެ ވޯޓު ފޮށި ބަހައްޓާފައި ހުރީ ބާ ޖަމާލުއްދީންގެ ޓްރެއިނިން ހޯލުގައެވެ. މި އިންތިހާބުގައި ވޯޓުލުމަށް ޖުމްލަ 21 ވޯޓު ފޮށި ބަހައްޓާފައި ވާއިރު، އިންތިހާބުގައި ވޯޓުލާނީ އިންތިހާބުގައި ވޯޓުދިނުމުގެ ހައްގު ލިބިގެންވާ ފަނޑިޔާރުންގެ ރަޖިސްޓްރީގައި ހިމެނޭ، ޖުޑީޝަލް ދާއިރާތަކުގެ މެޖިސްޓްރޭޓް ކޯޓުތަކުގެ ފަނޑިޔާރުންނެވެ. ވޯޓުލުމުގެ ހައްގު ލިބިގެންވާ 178 ފަނޑިޔާރުންގެ ތެރެއިން 60 ފަނޑިޔަރުން ވަނީ ވޯޓުލާފައެވެ.

އެގޮތުން، ދަށު ކޯޓުތަކުން ޖޭއެސްސީއަށް އިންތިހާބުކުރާ މެންބަރުކަމަށް ކުރިމަތިލާފައި ވަނީ ތިން ފަނޑިޔާރުންނެވެ. އެ ފަނޑިޔާރުންގެ ތެރޭގައި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް، ގދ. ފިޔޯރީ ކޯޓުގެ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދު އަދި ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލީ ޝަރީފް ހިމެނެއެވެ.

ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން މިހާރު ޖޭއެސްސީގައި އިންނަވަނީ ޖުވެނައިލް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅެވެ. ގާޒީ އީސާފުޅުގެ ދައުރު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.