އޮޅުވާލާފައިވާ ލޭބަލް ޖަހައިގެންނާ، އެނޫންވެސް ގޮތް ގޮތުން މަނާކޮށްފައިވާ މުދަލާ، ނުރައްކާތެރި އެތައް ހާސް އުފެއްދުމެއް، ދުނިޔޭގެ އެންމެ ބިޔަ އޮންލައިން ވިޔަފާރީގެ ޕްލެޓްފޯމް ކަމަށްވާ އެމެޒޯންއިން ގަންނަންލިބެން އެބަހުރި ކަމަށް ވޯލް ސްޓްރީޓް ޖާނަލްއިން ކުރި ދިރާސާއަކުން ދައްކައިފިއެވެ.

އެމެޒޯން ޕްލެޓްފޯމްގެ އެންމެ އާންމު ހިސާބުތަކަށް ބަލާއިރުވެސް އިސްވެދެންނެވުނު ގިންތިތަކަށް ފެތޭ 4000 އަށްވުރެ ގިނަ އުފެއްދުން ގަންނަން ލިބެން އެބަހުރިކަމަށް މި ދިރާސާގައި ވަނީ ފާހަގަކޮށްފައެވެ. މިފަދަ ބައެއް އުފެއްދުންތަކުގެ ތެރޭގައި:

  • އެމެރިކާ ފުޑް އެންޑް ޑްރަގް އޮތޯރިޓީގެ ވަގު ސިއްކަ ޖަހާފައިވާ އުފެއްދުންތައް
  • ތުއްތު ކުދިން ނިންދަވާއިރު ބޭނުންކުރަން ރައްކާތެރި ނޫން ބައެއް ސަމާނު
  • ގަވައިދާ ހިލާފަށް އިމްޕޯޓްކުރާ ޑޮކްޓަރީ ބޭސް
  • ރައްކާތެރި މިންގަނޑުތަކަށް ނުފެދޭ ކަރަންޓް ސާމާނު
  • ނުރައްކާތެރި މިންވަރަށް ލެޑްގެ އަސަރު އެކުލެވޭ ކުޅޭ ތަކެތި
  • ކުޑަކުދިން ކުޅުމަށް އެކަށީގެން ނުވާ، ފަސޭހައިން ކަރުގާ ތާށިވާ ޒާތުގެ ކުޅޭ އެއްޗިހި ފަދަ އުފެއްދުންތައް ހިމެނެއެވެ.

ރައްކާތެރި މިންގަނޑުތަކަށް ނުފެތޭ ސާމާނުގެ ވިޔަފާރީ އެމެޒޯން ޕްލެޓްފޯމްގައި އިތުރުވެފައިވަނީ ތިންވަނަ ފަރާތަކުން ވިޔަފާރިއާއި ގުޅުމުގެ ހުއްދަ ހުޅުވާލި ހިސާބުންކަމަށް މައުލޫމާތު ލިބެއެވެ. މިފަދަ އުފެއްދުންތައް ވިއްކާ އައުޓްލެޓްތަކާ އެމެޒޯންގެ މައި ޕްލެޓްފޯމްތަކާ އޮންނަނީ ކުޑަ ތަފާތެއް ކަމަށާ، އެގޮތުން އުފެއްދުން ވިއްކާ ހަގީގީ ވިޔަފާރިވެރިޔާގެ ތަފްސީލު ލިޔެފައި އޮންނަނީ ވަރަށް ކުޑަކޮށްކަމުން، މުދާ ގަންނަ ފަރާތުގެ ސަމާލުކަން އެކަން ނާރާ އޮންނަނީ ކަމަށްވެސް ބުނެވެއެވެ.

ކަންމިހެން އޮތްނަމަވެސް އެމެޒޯން ޕްލެޓްފޯމް މެދުވެރިކޮށް 3 ވަނަ ފަރާތަކުން ގަންނަ މުދަލުގެ ޒިންމާއެއް އެމެޒޯން ކުންފުނިން އުފުލާ ގޮތަކަށް ހަމަޖެހިފައެއް ނޯވެއެވެ.

ވޯލް ސްޓްރީޓް ޖާނަލްގެ ދިރާސާއަށް ރައްދު ދެމުން އެމެޒޯން ކުންފުނިން ބުނީ، 3 ވަނަ ފަރާތަކަށް އެ ޕްލެޓްފޯމްގައި ވިޔަފާރި ކުރެވޭނީ ކަނޑައަޅާ ވަކި ޝަރުތުތަކެއް ހަމަވެ، ވަކި މިންގަނޑުތަކެއް ފުރިހަމަ ކުރުމުން ކަމަށެވެ.