އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމްދީނުގައި ހުއްދަކަމެއް ކަަމަށް އިލްމުވެރިން ވިދާޅުވާކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެ ކުރެއްވި ޓްވީޓަށް ދީނީ އިލްމުވެރިޔާ މުހައްމަދު އިޔާޒު ރައްދު ދެއްވައިފިއެވެ.

އަންހެން ދެބޭފުޅެއް ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗްގައި ހިމެނުމުގެ ލަފަޔަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖުޑީޝަލް ސާވިސް ކޮމިޝަނަށް ފޮނުއްވުމާއި ގުޅިގެން އެ މައްސަލަ ވަނީ އިލްމުވެރިންގެ މެދުގައި ވަރަށް ބޮޑު ބަހުސަކަށް ވެފައެވެ.

ބައެއް އިލްމިވެރިން މިކަމާ ދެކޮޅު ހައްދަވާ ރައީސްގެ ނިންމެވުން ބަދަލުކުރުމަށް ގޮވާލައްވާފައިވާ އިރު، ކުރީގެ ރައީސް މައުމޫން ވަނީ ރައީސް ސޯލިހުގެ ނިންމެވުން ގޯސް ނޫންކަމަށް ދޭހަވާ މޭރުމަކުން މިއަދު ޓްވީޓް ކުރައްވާފައެވެ.

ކުރީގެ ރައީސް މައުމޫން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަންހެނުން ފަނޑިޔާރުކަން ކުރުމަކީ އިސްލާމް ދީނުގައި ހުއްދަކަމެއް ކަަމަށް ކުރީގެ އިލްމުވެރިންގެ ތެރެއިން އަލް ތަބާރީ، އިބްނު ހަޒްމް، ހަސަނުލް ބަސްރީ ފަދަ ބޭފުޅުން ވިދާޅުވެފައިވާ ކަމަށެވެ. އަދި ޔޫސުފުލް އަލް ގަރާދަވީ، އަބްދުލް ކަރީމް ޒައިދީން އަދި ސައީދު ރަމަދާން ފަދަ މިހާރުގެ ގިނަ އިލްމުވެރިން ވެސް ވިދާޅުވަނީ އެހެން ކަމަށް މައުމޫން ވިދާޅުވިއެވެ.

މައުމޫންގެ ވާހަކަފުޅަށް ރައްދު ދެއްވަމުން އިޔާޒް ވިދާޅުވީ ގަރާދަވީ ވިދާޅުވަނީ އަންހެނުންނަށް ފަނޑިޔާރުކަން ކުރެވޭނީ އެކަމަށް އާންމު މަސްލަހަތެއް އޮވެގެން ކަމަށެވެ. އަދި އޭނާ އަކީ އެހެން މީހުންނަށް ވުރެ ފަނޑިޔާރުކަން ކުރުމުގައި ގާބިލް ސިފަތަކެއް ލިބިގެންވާ މީހެއްކަމުގައި ވެގެން ކަމަށެވެ. ނަމަވެސް އިޔާޒު މައުމޫން ދެއްކެވި ވާހަކަ ދޮގެއް ނުކުރައްވައެވެ.

މައުމޫންގެ ޓްވީޓަށް ނުސީދާ ގޮތެއްގައި ވެސް އިޔާޒުވަނީ ރައްދު ދެއްވާފައެވެ. ދީނީ އިލްމުވެރިންގެ ބަހަށް ރިއާޔަތް ކުރައްވާ މައުމޫން ކުރެއްވި ޓްވީޓާއި ގުޅިގެން ނުސީދާގޮތަކަށް އިޔާޒް ވިދާޅުވީ "ތިމާއަށް ބާރުލިބިފައިވާ ދުވަސްވަރުގައި ނުބައިކޮށް ކަމެއް ކުރެވިފައި އޮތުމަކީ އެކަންތައް ދަމަހައްޓަން މަސައްކަތް ކުރަންވީ ސަބަބެއް ނޫން" ކަމަށެވެ. އަދި "ދެންވެސް އުމުރުގެ ބާކީ އޮތް ދުވަސްކޮޅުގައި އެފަދަ ނުބައި ނުހަދާ ތައުބާވެ އިސްލާހުވޭތޯ ބަލަންވީ" ކަމަށެވެ.