އަވަށްޓެރި އިންޑިއާގެ ދެކުނުގެ ސަރަހައްދުތަކަށް ޓެރަރިސްޓް ހަމަލާއެއްގެ ނުރައްކާ އޮތް ކަމަށް ބުނެ، އެސަރަހައްދުތައް ހައި އެލާޓަށް ގެނެސްފައިވީ ނަމަވެސް، މިހާތަނަށް ދިވެއްސަކަށް ކަމެއްވިކަމުގެ ރިޕޯޓެއް ލިބިފައި ނުވާކަމަށް ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނެފިއެވެ.

އިންޑިއާގެ ދެކުނު ސަރަހައްދުގައި އިއުލާން ކޮށްފައި ވަނީ ރަތް އެލާޓެކެވެ. އަދި އެތައް ހާސް ފުލުހުންނެއްވެސް އެލާޓަށް ގެނެސްފައި ވާކަމަށް އިންޑިއާގެ ހަބަރުތައް ބުނެއެވެ. ހައި އެލާޓަށް ގެނައި ސަރަހައްދުތަކުގެ ތެރޭގައި ގިނަ އަދަދަކަށް ދިވެހިންވެސް ގޮސް އުޅޭ ކޮއިމްބަތޫރާ ޗެންނާއީވެސް ހިމެނެއެވެ.

ޗެންނާއީއާއި ކޮއިމްބަތޫރުގެ ހޮޓާތަކާއި، އެއާޕޯޓްތަކާއި، ރޭލްސްޓޭޝަންތަކުގެ އިތުރުން ތިއޭޓަރުތަކާއި، ވިޔަފާރި މޯލްތަކާއި، ދީނީ އަޅުކަމަށް ހާއްސަކުރެވިފައިވާ ތަންތަނުގެ ސެކިއުރިޓީ ވަނީ ވަކިން ބޮޑަށް ވަރުގަދަ ކޮށްފައެވެ.

ރާއްޖޭގެ ފޮރިން މިނިސްޓްރީން ބުނީ އަދި މިހާތަނަށް ދިވެއްސަކަށް ކަމެއް ދިމާވި ކަމެއް އެނގިފައި ނުވާ ކަމަށެވެ. އަދި ކަމެއް ދިމާވެއްޖެ ނަމަ ޓްރިވޭންޑްރަމްގައި ހުންނަ ދިވެހި ކޮންސިއުލޭޓް ނުވަތަ ދިއްލީގައި ހުންނަ އެމްބަސީއަށް ގުޅުމުން ދިވެހިންނަށް ކޮންސިއުލާ އެސިސްޓެންސް ފޯރުކޮށްދޭނެ ކަމަށެވެ.

ރާއްޖޭގެ ޓެރަރިޒަމާ ބެހޭ އިދާރާއިން ބުނީ އިންޑިއާގައި އެފަދަ ކަމެއް ހިނގައިގެން އުޅޭކަމުގެ އިތުބާރު ހިފޭ މައުލޫމާތެއް އެފަރާތަށް ލިބިފައި ނުވާ ކަމަށެވެ.

ޓެމިލް ނާޑޫ ސްޓޭޓްގެ ބައެއް ސަރަހައްދުތައް ހައި އެލާޓަށް ގެނެސް، ފޯރިމެރުން ވަރުގަދަކޮށްފައި ވަނީ ހައްދުފަހަނައަޅާފައިވާ ހަނގުރާމަވެރި ލަކްޝްރީ ތޮއިބާ ޖަމާއަތުގެ 6 ޓެރަރިސްޓަކު އެ ސްޓޭޓަށް އެތެރެވެފައިވާ ކަމުގެ ޖާސޫސީ މައުލޫމާތު ލިބުމާ ގުޅިގެން ކަމަށް ޚަބަރު ލިބެއެވެ. މި 6 މީހުންގެ ތެރެއިން 1 އަކީ ޕާކިސްތާނު ރައްޔިތެއް ކަމަށާ، ދެންތިބީ ހުސް ސްރީލަންކާގެ ރައްޔިތުން ކަމަށް ބެލެވޭ ކަމަށް މައުލޫމާތު ލިބެއެވެ.

ޓެމިލް ނާޑޫ ސްޓޭޓާ އިންވެގެން އޮންނަ ކެރެލާ ސްޓޭޓްވެސް މިހާރުވަނީ ހައި އެލާޓަށް ގެނެސްފައެވެ.