އައިޝާ ޝުޖޫން މުހައްމަދާ ޑރ. އަޒްމިރަލްޑާ ޒާހިރު ސުޕްރީމް ކޯޓަށް އައްޔަންކުރަން ރައީސް ހުށަހެޅުއްވުމާ ގުޅިގެން އެ ދެ ނަން ބަލައިގަތުމަށް ޖޭއެސްސީން ނިންމައިފިއެވެ.
ޖޭއެސްސީން މިގޮތަށް ނިންމީ ދިވެހިރާއްޖޭގެ ގާނޫނު އަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އެދެބޭފުޅުން އައްޔަން ކުރުމާމެދު ޖުޑީޝަލް ސާވިސް ކޮމިޝަންގެ ލަފައަކަށް އެދި އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ހުށަހެޅުއްވުމާއި ގުޅިގެންނެވެ.
ޖޭއެސްސީން މިއަދު ބޭއްވި އެކޮމިޝަންގެ ބައްދަލުވުމަށްފަރު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ ފަނޑިޔާރުންގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ސްޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމަށް ނަންތައް ފޮނުވައިދެއްވުމަށް ރައީސް ސޯލިހު ޖޭއެސްސީގައި އެދިވަޑައިގެންފައިވާތީ އެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން އަންނަ އާދީއްތަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން އެބޭފުޅުންގެ ޝަރުތުހަމަވޭތޯ ބެލުމަށް ބޭނުންވާ ލިޔެކިޔުންތަކާ އެކު ކޮމިޝަނަށް ހުށަހެޅުމަށް ދަންނަވަން ނިންމާފައިވާ ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖޭއެސްސީން މިއަދު ވަނީ ހުޅުވާލާ އެ އިއުލާން ގެޒެޓްވެސް ކޮށްފައެވެ. އެ އިއުލާނުގައި ބުނެފައިވަނީ ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް 3 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނާއެކު ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު ހަތަކަށް އިތުރުވެފައި ވާތީ، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓަށް އިތުރު ދެ ފަނޑިޔާރުން ޢައްޔަނުކުރުމަށް، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނުއަސާސީގެ 148 ވަނަ މާއްދާގެ (ހ) ގެ ދަށުން ރައީސްއަށް މަޝްވަރާދެއްވުމަށްޓަކައި، ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލައްވަން އެދިލައްވާ ފަރާތްތަކުން އެކަމަށް އެދި ސިޓީއަކުން އެކަމަށް ބޭނުންވާ މައުލޫމާތު ހިމެނޭގޮތަށް އަންނަ އާދީއްތަ ދުވަހުގެ 12:00 ގެ ކުރިން އެ ކޮމިޝަނަށް ހުށަހެޅުއްވުމަށް ހުޅުވާލާ ކަމަށެވެ.
ޖެއެސްސީން ބުނީ ސްޕްރީމް ކޯޓަށް އަލަށް ނެގުމަށް ހަމަޖެހިފައިވާ ދެ ބޭފުޅުން ނެގުމަށް މިއަދު ފުރުސަތު ހުޅުވާލުމާއިގުޅިގެން އެކަމަށް އެދި ހުށަހަޅަން ބޭނުންވާ ފަރާތްތަކުގެ ލިޔެކިޔުންތައް ބަލައިގަތުމަށް މާދަމާ މެންްދުރު 2:00 އިން ހަވީރު 4:00 އަށް ކޮމިޝަން ހުޅުވިފައި ހުންނާނެ ކަމަށެވެ.
މީގެ އިތުރުން ސްޕްރީމް ކޯޓަށް ދެ ފަނޑިޔާރުން އައްޔަންކުރުމުގެ މަސައްކަތްކުރުމަށް ކޮމިޝަންގެ ހުރިހާ މެންބަރުން ހިމެނޭގޮތަށް ކޮމިޓީއެއް ވެސް އެކުލަވާލުމަށް ޖޭއެސްސީން ވަނީ ނިންމާފައެވެ. އަދި އަމާޒަކީ ހޯމަ ދުވަހުގެ ނިޔަލަށް މި މަސައްކަތް ނިންމާ ނަންތައް ފޮނުވުންކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.