ޒާތީ ގޮތުން ކަންބޮޑުވުންތަކެއް ހުރި ނަމަ އެކަމަކާ ބެހޭ ގޮތުން ވާހަކަދެއްކުމުގެ ފުރިހަމަ ހައްގު، ޔުނިސެފްގެ ގުޑްވިލް އެމްބެސެޑާ އަދި ބައިނަލްއަގުވާމީ ސުޕާސްޓާ ޕްރިޔަންކާ ޗޯޕްޅާއަށް ލިބިގެންވާކަމަށް އދއިން ބުނެފިއެވެ.

އދއިން މިކަން ހާމަކޮށްފައި ވަނީ، ޕްރިޔަންކާއަކީ ހަނގުރާމައަށް ހިތްވަރުދޭ މީހެއް ކަމަށާ، އެހެންކަމުން އޭނާއަކީ އދގެ ގުޑްވިލް އެމްބެސެޑަރު ކަމުގައި ދެމި ހުރުމަށް ކުފޫ ހަމަވާ މީހެއް ނޫންކަމަށް ބަޔާންކޮށް، އެމްބެސެޑަރު ކަމުން ޕްރިޔަންކާ ވަކިކޮށްދިނުމަށް އެދި ޕާކިސްތާނުން އދއަށް ހުށަހެޅި ރަސްމީ ހުށަހެޅުމަށް ޖަވާބުދާރީ ވުމުގެ ގޮތުންނެވެ.

ކަޝްމީރު މައްސަލަ ހޫނުވެފައިވަނިކޮށް، ހަނގުރާމައަށް ހިތްވަރުދޭ ފަދަ ވާހަކަތަކެއް ޕްރިޔަންކާ ދެއްކި ކަމަށް ޕާކިސްތާނުން ތުހުމަތު ކުރަނީ ދާދިފަހުން ލައިވް އޯޑިއަންސްއަކާއެކު ކުރިއަށްދިޔަ އިވެންޓެއްގައި އިންޑިއާގެ އަސްކަރިއްޔާއަށް ހިތްވަރުދޭ ފަދަ މޭރުމަކުން ޕްރިޔަންކާ ވާހަކަދައްކާފައިވާކަމަށް ބުނެއެވެ.

މިކަމާ ގުޅިގެން އދގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓޭރޭޒްގެ ތަރުޖަމާން ސްޓީން ޑުޖާރިޗް ވިދާޅުވީ، ގުޑްވިލް އެމްބެސެޑަރަކު އޭނާގެ އަމިއްލަ ހައިސިއްޔަތުން ޒާތީ ކަންބޮޑުވުމެއް ފާޅުކުރުމަކީ، އެކަމުގައި ޔުނިސެފްގެ ފިކުރު ރަމްޒުކޮށްދޭ ކަމެއް ނޫންކަމަށެވެ.

ޕްރިޔަންކާގެ މައްސަލާގައި ޓްވިޓާގައިވެސް ވަނީ ބޮޑެތި ހިޔާލު ތަފާތުވުންތަކަކާ ދެބަސްވުންތަކެއް އުފެދިފައެވެ.