ސުލްހަޔަށް އެދި ހުށަހެޅި ކޮންމެ ހުށަހެޅުމެއްގައި އިންޑިއާއިން މިހާތަނަށް ވަނީ ތަކުރާރުކޮށް ކޮޅުފައިން ޖަހާފައި ކަމަށާ، އިންޑިއާއާ އެކު ސުލްހައިގެ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް ދެން އިތުރަށް މަސައްކަތް ނުކުރައްވާނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ހާން ވިދާޅުވެއްޖެއެވެ.

ސުލްހަޔަށްއެދި ޕާކިސްތާނުން އެދި ހުށަހަޅާ ހުށަހެޅުންތަކުގައި އިންޑިއާއިން ކޮޅުފައިން ޖަހާކަމަށް ޕާކިސްތާނުން ކުރާ ދައުވާއަށް އިންޑިއާއިން އިންކާރުކުރެއެވެ. އިންޑިއާއިން ބުނަނީ، ޓެރަރިޒަމާ ދެކޮޅަށް، އިތުބާރު ހިފެނިވި މަސައްކަތްތަކެއް ކުރާނަމަ، ސުލްހައިގެ މަޝްވަރާތަކައިގެން ކުރިއަށް ދެވިދާނެ ކަމަށެވެ.

އިންޑިއާއާއި ޕާކިސްތާނުންވެސް އެތަނެއްގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާކުރަމުންދާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އުވާލި މައްސަލައާއި ގުޅިގެން އިމްރާން މީގެ ކުރިންވެސް ވަނީ ދެގައުމުގެ މެދުގައި އަސްކަރީ ކުރިމަތިލުމެއް ފެށިދާނެ ކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ވިދާޅުވެފައެވެ.

އިންޑިއާއާއިއެކު ސުލްހައިގެ މަޝްވަރާތަކެއް ކުރިއަށް ގެންދެވެން ނެތްކަމަށް ވިދާޅުވެ ވާހަކަފުޅު ދައްކަވަމުން އިމްރާން ވަނީ، އެކަމަކީ އެއްވެސް ބޭނުމެއް ހުރި ކަމެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށް ވިދާޅުވެފައެވެ. ކުރެވެން ހުރި ހުރިހާ ކަމެއް ޕާކިސްތާނުން ކޮށްފި ކަމަށާ، ދެން އިތުރަކަށް ކުރާނެ އެއްވެސް ކަމެއް ޕާކިސްތާނަށް ނެތް ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ.

ޕާކިސްތާނާ ދެކޮޅަށް އަސްކަރީ ފިޔަވަޅެއް އެޅުމަށްޓަކައި އިންޑިއާއިން ކަޝްމީރުގެ މައްސަލަ ބޭނުންކޮށްފާނެކަމުގެ ބިރުވެރިކަން އެބައޮތްކަމަށް ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. އެހިސާބުން ހަނގުރާމައަކާ އެ ކުރިމަތިލަނީ ނިއުކްލިއާ ހަތިޔާރުގެ ބާރުވެރިކަން ލިބިފައިވާ ދެ ގައުމުކަމަށާ، އިންޑިއާގެ ހަމަލާތަކަށް ރައްދު ދިނުން ޕާކިސްތާނަށް މަޖުބޫރުވާނެ ކަމަށްވެސް އިމްރާން ވަނީ ވިދާޅުވެފައެވެ. މިފަދަ ހަނގުރާމައެއް ފެށިއްޖެނަމަ މުޅި ދުނިޔެވެސް ކަންބޮޑުވާންޖެހޭނެކަމުގެ އިންޒާރު، އިމްރާންވަނީ ދެއްވާފައެވެ.

ނަމަވެސް އިންޑިއާއިންވަނީ އިމްރާންގެ މިފަދަ އިންޒާރުތަކަށް ތަކުރާރުކޮށް ބީރުކަންފަތެއް ދީފައެވެ.