ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއުގެ ފާޑުކިއުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ކުރީގެ ރައީސް ހަސަން ލުތުފީ އަށް އަމާޒުވެއްޖެއެވެ.
ޝިފާއުގެ ފާޑުކިއުން ލުތުފީއަށް އަމާޒު ކުރައްވާފައިވަނީ، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަަލައިގައި، އެމަނިކުފާނާ ދެކޮޅަށް ދޮގު ހެކިބަސް ދިނުމަށް ސަރުކާރުގައި ހިމެނޭ އިސްފަރާތްތަކުން ބިރުދައްކަމުންދާތީ ހެކިބަސް ނުދެއްވާނެ ކަމަށް ވިދާޅުވެ، ފޭސްބުކްގައި ކުރެއްވި ޕޯސްޓެއް ޑިލިޓް ކުރެއްވުމާއި ގުޅިގެންނެވެ. އެގޮތުން، ޝިފާއުގެ ބަހުގެ ފާޑުކިއުން އަމާޒު ކުރައްވަމުން އޭނާ ވިދާޅުވީ، ލުތުފީ އަކީ ގައުމަށް ޣައްދާރުވާ ފަރާތެއް ކަމަށް ވިދާޅުވެ ޓްވީޓެއް ކުރައްވާފައެވެ.
ލުތުފީ އިއްޔެ ފޭސްބުކްގައި ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރައީސް ޔާމީންގެ އެކައުންޓަށް އެސްއޯއެފުން އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަން އެނގިގެން އޭނާއާ އޭސީސީގެ މިހާރުގެ ރައީސް މުއައްވިޒު ރަޝީދު އާ ދެބޭފުޅުން އަދި ލުތުފީ ވަކިން ވެސް ރައީސް ޔާމީނާ އެއްވެސް ގޮތަކަށް ބަދަލުކުރައްވާފައެއް ނުވާނެ ކަމަށެވެ. އަދި އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ ފައިސާ ކަމަށް ބެލެވޭތީކަމަށް ވިދާޅުވެ އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް ރައީސް ޔާމީނާ ބައްދަލުކުރައްވާ އަދި ފޯނުން ވެސް އަންގަވާފައި ނުވާނެ ކަމަށާ، އެގޮތަށް އަންގަވާފައި ނުވަނީ އެއިރު އެ ފައިސާ އަކީ ދައުލަތަށް ލިބެންޖެހޭ ފައިސާއެއްކަން ނުވަތަ ނޫންކަން ކަނޑައެޅިފައި ނުވާތީ ކަމަށެވެ.
ލުތުފީ ވިދާޅުވީ އެ ފައިސާ އަކީ ދައުލަތުގެ ފައިސާކަން ކަނޑަނޭޅެނީސް އެ ފައިސާ އަނބުރާ ދައުލަތަށް ދެއްކުމަށް އެނގޭނެ އެއްވެސް ހަމައެއް އޮންނާނެކަމަށް ގަބޫލު ނުކުރައްވާކަމަށް ލުތުފީ ވިދާޅުވިއެވެ. އަދި މި ސަބަބުތައް ހުރުމާއެކު، މި މައްސަލައިގައި ތަހުގީގު މަރުހަލާއިން ފެށިގެން މިއަދާ ހަމައަށް ވެސް ރައީށް ޔާމީންގެ މައްޗަށް ދޮގު ބަޔާން ދެއްވާ ދޮގު ހެކިބަސް ދިނުމަށް އޭނާއަށް ސަރުކާރުގެ ބާރުވެރި ފަރާތްތަކުން މަޖުބޫރުކޮށް އެގޮތަށް އެކަން ނުކޮށްފި ނަމަ ފުރާނައަށް ނުރައްކާވެދާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް ލުތުފީ ވިދާޅުވިއެވެ.