ވެލާނާ އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކޮށް ފާސް ކުރަމުންދާ ވާހަކައާއި ގުޅިގެން، އެކަން ކުރީ ހާލަތްތަކަށް ތައްޔާރުވެފައި އޮތް މިންވަރު ބެލުމަށް ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ބުނެފިއެވެ.

ފުލުހުން ބުނީ މިރޭ އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަ ކޮށްފައި ވަނީ ސަލާމަތީ ބާރުތަކާ ގުޅިގެން ހެދި ސެކިއުރިޓީ އެސެސްމަންޓެއްގެ މައްޗަށް ބަލައި އެކި ހާލަތްތަކަށް ތައްޔާރުވެފައި އޮތް މިންވަރު ބެލުމަށް ކަމަށެވެ. އަދި އެއީ ވަކި ހާއްސަ ތްރެޓެއް (ނުރައްކަލެއް) އޮވެގެން ކުރާ ކަމެއް ނޫންކަމަށްވެސް ފުލުހުން ބުނެއެވެ.

އެއާޕޯޓުގައި ސެކިއުރިޓީ ވަރުގަދަކޮށް ބަލާ ފާސް ކުރުން ކުރިއަށް ދަނީ ގޮވާ އެއްޗެއް ފެނިގެން ކަމަށް ރާއްޖޭގެ ބައެއް މީޑިއާތަކުގައި މިރޭ ހަބަރު ފެތުރިއެވެ. ނަމަވެސް އެފަދަ އެއްވެސް ކަމެއް ނުހިނގާ ކަމަށާ، ހުޅުލެއަށް ބްރިޖު ނިމޭ ކޮޅުގައި ފުލުހުން ޗެކް ޕޮއިންޓެއް ހަދައިގެން ފާސް ކުރުން ފިޔަވާ ހިދުމަތަށް ބުރޫ އަރާ އެއްވެސް ކަމެއް އެއާޕޯޓުގައި ނުހިނގާ ކަމަށް އެއާޕޯޓުގެ އޮފިޝަލް 'ދަ ޕްރެސް' އަށް ވަނީ ބުނެފައެވެ.

'ދަ ޕްރެސް' އަށް އެނގިފައި ވާ ގޮތުގައި ބަލާ ފާސްކުރުން އެއާޕޯޓު ތެރޭގައިވެސް ދަނީ ހިނގަމުންނެވެ.