ތޫނު އެއްޗަކުން ހަމަލާދީ ރަހުމް ކުޑަ ގޮތަކަށް މަރާލައިފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މައްސަލައިގައި ހިމެނޭ ސިއްރު ހެކިން ހާޒިރު ނުކުރެވުމުން، ހެކި ބަސް ނެގުން ފަސްކޮށްފިއެވެ.

ޔާމީން ރަޝީދުގެ މައްސަލާގައި ދައުލަތުން ވަނީ ގިނަ ހެކިތަކެއް ހުށަހަޅައިފައެވެ. އަދި ގިނަ ހެކިތަކެއް ހުރުމުގެ ސަބަބުން، ޝަރީއަތުގެ އަޑުއެހުމުގެ ކުރިން އެ ދުވަހަކު ހާޒިރު ކުރަނީ ކޮން ހެކިންނެއްކަން ދިފާއީ ވަކީލުންނަށް އެންގުމަށް މީގެ ކުރިން ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ގާޒީ އަލީ ރަޝީދު ވަނީ ދައުލަތުގެ ވަކީލުންނަށް އަންގާފައެވެ.

ދައުލަތުން ހުށަހަޅާފައިވާ ހެކިތަކުގެ ތެރޭގައި، ޝަފަހީ އަށް ސިއްރު ހެކިވެރިންނާއި ކިތާބީ ހެކީގެ ތެރޭގައި 16 ސިއްރު ލިޔުމަކާއި ހަތް އިންޓެލިޖެންސް ރިޕޯޓު އަދި ހަތް ވީޑިއޯ އެނަލިސިސް ރިޕޯޓުގެ އިތުރުން ސީން އޮފް ކްރައިމް ރިޕޯޓު، ސައިބާ ކްރައިމް ރިޕޯޓު އަދި ތަހުގީގު ބަޔާންތައް ހިމެނެއެވެ. އަދި މިހާތަނަށް ހާޒިރުކޮށް ސުވާލުކޮށްފައި ވަނީ ހަތް ހެކިވެރިންނާއެވެ.

މިއަދު ބޭއްވި އަޑުއެހުމުގައި، އެ މައްސަލައިގެ ހިމެނޭދިފާއީ ވަކީލެއް ކަމަށްވާ މައުމޫން ހަމީދު ވަނީ، ކޯޓުން އެންގި ގޮތަށް ދައުލަތުން ދުރާލައި ހެކިންގެ މައުލޫމާތު ދީފައި ނުވާކަން ކޯޓަށް ގުޅުމުން ބުނެފައިވާ ކަމަށާއި، އިންސާފުވެރި ޝަރީއަތެއްގެ ކުލަ ފަނޑުވަމުން ދާކަމަށް ބުނެފައެވެ. މައުމޫނަށް ރައްދު ދެއްވަމުން ދައުލަތުގެ ވަކީލު ވަނީ ގާޒީ އެންގި ގޮތައް މި މަހުގެ 19 ވަނަ ދުވަހު ކޯޓަށް އެ މައުލޫމާތު ހިއްސާ ކޮށްފައިވާނެ ކަމަށާއި، މައްސަލައިގެ ބާވަތުން ސިއްރު ހެކިވެރިންނަށް ނުފޫޒުތަކެއް ހުރި ކަމަށް ވިދާޅުވެފައެވެ.

މިކަމާ ގުޅިގެން ހެކިން ހާޒިރު ކުރުމަކީ އުނދަގޫ ކަމެއްކަން ދިފާއީ ވަކީލުންނަށް ވެސް އެނގޭނެ ކަމަށް ވިދާޅުވަމުން ގާޒީ ވަނީ ޝަރީއަތުން ދަނީ ގިނަ ހެކިން ހާޒިރުކޮށްގެން ދެ ފަރާތަށްވެސް ވަގުތު ދީގެން އިންސާފުވެރިކޮށް ޝަރީއަތް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރަމުން ކަމަށް ވިދާޅުވެފައެވެ.

މީގެ އިތުރުން، މިއަދު ނަގަން އޮތް ދެ ހެއްކެއް އެހެން ދުވަހަށް ފަސްކޮށްދިނުމަށް ދައުލަތުގެ ފަރާތުން އެދުމުން، ޝަރީއަތުން ވަނީ އިއުތިރާޒެއް ނެތް ކަމަށް ވިދާޅުވެ، އަންނަ އަންގާރަ ދުވަހު އޮންނަ އެ މައްސަލައިގެ ޝަރީއަތަށް ހެކިން ހާޒިރު ކުރުމަށް އެދިފައެވެ.

ޔާމީން މަރާލުމުގައި ބައިވެރިވި މީހުންގެ ތެރެއިން ޝަރީއަތް ކުރިއަށް ގެންދާ ހަ މީހުންގެ މައްޗަށް ދައުލަތުން އުފުލާފައި ވަނީ ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލުމުގެ ދައުވާއެވެ. އެ މައްސަލައިގައި ޝަރީއަތަށް ހާޒިރުކުރުމަށް ނިންމާފައިވާ މީހުންގެ ތެރޭގައި، މ. ތާއިފް އިސްމާއިލް ރަޝީދު، ގދ. ގައްދޫ ސިންދުބާދުގޭ މުހައްމަދު ދިފްރާން، ހ. އަންނާރުމާގޭ އިސްމާއިލް ހައިޝަމް ރަޝީދު، މ. އިރާސްމިކުގޭ އަހްމަދު ޒިހާން އިސްމާއިލް އަދި މ. ކޮޅުފުށީ އީސްޓް ހުސައިން ޒިޔާދުގެ އިތުރުން މ. ކުދެހި ހަސަން ޝިފާޒު ހިމެނެއެވެ.

ޔާމީނަށް ބޮޑެތި އަނިޔާތަކެއް ދިނުމަށް ފަހު އެއްލާލާފައި އޮއްވާ ފެނުނީ އޭނާ ދިރިއުޅެމުން ދިޔަ މ. ސްޕެޓޫލާ، ސިޑި ކައިރިން 2017 ވަނަ އަހަރު އޭޕްރީލް މަހުގެ 23 ވަނަ ދުވަހުގެ ރޭގައެވެ. ޔާމީން މަރުވެފައިވަނީ ލިބިފައިވާ ޒަހަމުތަކަށް ފަރުވާ ދިނުމަށް އައިޖީއެމްޗް ހޮސްޕިޓަލަށް ގެންދެވުނުތާ ކުޑައިރުކޮޅެއްގެ ފަހުން ކަމަށް ހޮސްޕިޓަލުން ބުނެފައި ވެއެވެ. ޔާމިން ރަޝީދު މަރާލީ އޭނާގެ މެޔާއި ކަރާއި ބޮލަށް ތޫނު އެއްޗަކުން ހަމަލާދީގެން ކަމަށް ވާއިރު އޭނާގެ ހަށިގަނޑުގެ ޖުމްލަ 32 ތަނަކަށް ވަޅި ހަރާފައި ވާކަމަށާ އޭނާގެ މެޔަށް އެކަނި ވެސް 14 ހަމަލާއެއް ދީފައި ވާ ކަމަށް ބުނެއެވެ.