ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ އެ ކޯޓަށް ހުށަހެޅި މައްސަލާގެ އަޑުއެހުމެއް މާދަމާ ބާއްވަން ތާވަލުކޮށްފިއެވެ.

މާދަމާ 13:15 ގައި ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވާ މި އަޑުއެހުމަކީ ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހަޅުއްވައިފައިވާ ދުސްތޫރީ މައްސަލައެއްގެ އަޑުއެހުމެވެ. އެ މައްސަލައަކީ ފަނޑިޔާރު އަބްދުﷲ ދީދީ ސަސްޕެންޑު ކުރަން ޖޭއެސްސީ އިން ނިންމުމާއި ގުޅިގެން ފަނޑިޔާރު ދީދީ ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައެވެ.

ފަނޑިޔާރު ދީދީގެ މައްޗަށް ތުހުމަތު ކުރަނީ މަގާމުގެ ނުފޫޒު ނަހަމަގޮތުގައި ބޭނުންކުރި މައްސަލައާއި އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ ފަދަ ޖިނާއީ މައްސަލަތަކެއް ކަމަށް ޖޭއެސްސީއިން ވަނީ ބުނެފައެވެ.

މި މައްސަލަތަކާއި ގުޅިގެން ފަނޑިޔާރު ދީދީ ސަސްޕެންޑު ކުރުމަށް ޖޭއެސްސީ އިން ނިންމުމާއި ގުޅިގެން ސުޕްރީމް ކޯޓުން ވަނީ ކޯޓު އަމުރެއް ނެރެފައެވެ. އަދި އެކަމުގެ ސަބަބުން ސުޕްރީމް ކޯޓުން މުއައްސަސާތަކަށް ނުފޫޒު ފޯރުވުމުގެ މައްސަލަ ވަނީ ފެންމަތިވެފައެވެ.