ފިނޭންސް މިނިސްޓްރީ އިން މިއަދު ރައްޔިތުންގެ މަޖިލީހަށް ސަޕްލިމަންޓްރީ ބަޖެޓް ފޮނުވައިފިއެވެ.

ސަޕްލިމެންޓްރީ ބަޖެޓު ފޮނުވި ނަމަވެސް ބަޖެޓާ ގުޅޭ ތަފްސީލެއް ފިނޭންސް އިން ހާމަކޮށްފައެއް ނުވެއެވެ. ފިނޭންސް މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވަނީ މީގެ ކުރިން "ދަ ޕްރެސް" އަށް މައުލޫމާތު ދެއްވަމުން ސަޕްލިމަންޓްރީ ބަޖެޓް ހުށަހަޅަން ނިންމާފައި ވަނީ، މިއަހަރަށް މަޖިލީހުން ފާސްކުރި ބަޖެޓަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން މަޖިލީހަށް ހުށަހެޅި ބަޖެޓެއް ކަމުން، އެކަމުގެ ސަބަބުން މި ސަރުކާރުގެ ބައެއް ކަންކަން ތަންފީޒު ކުރަން ދަތިވާތީ ކަމަށް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

ބަޖެޓްގެ މަސައްކަތް އެއްކޮށް ނިމިފައި ނުވާތީ، ބަޖެޓާ ގުޅޭ އިތުރު މައުލޫމާތެއް ފިނޭންސް މިނިސްޓްރީން މީގެ ކުރިން ހާމަކޮށްފައި ނުވި ނަމަވެސް، މަޖިލީހަށް ބަޖެޓް ފޮނުމުގެ ކުރިން ތަފްސީލު ހާމަ ކުރާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ބުނެފައެވެ.

މި އަހަރަށް މަޖިލީހުން ފާސްކޮށްފައި ވަނީ 30.2 ބިލިއަން ރުފިޔާގެ ބަޖެޓެކެވެ. އަދި މިދިޔަ ސަރުކާރުން ބަޖެޓް އެކުލަވާލުމުގައި މި ސަރުކާރުގެ އިސްފަރާތްތައް ބައިވެރިކޮށް، ބޭނުންވާ ޕްރޮޖެކް ޓަތައް ހިމަނާފައިވާ ކަމަށް ކުރީ ސަރުކާރުން ބަޖެޓް އެކުލަވާލި އިރު ބުނެފައި ވެއެވެ. މި އަހަރަށް މަޖިލީހުން ފާސްކޮށްފައިވާ ބަޖެޓުން މިހަތަނަށް 14.7 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ. އަދި މިއަހަރު މިހާތަނަށް އާމްދަނީގެ ގޮތުގައި ލިބިފައިވަނީ 14.5 ބިލިއަން ރުފިޔާއެވެ.