ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކަކީ ރާއްޖޭގައި ބިދޭސީން ވިޔަފާރި ކުރުމާ ގުޅޭ އިސްލާހުތަކެއް ނޫން ކަމަށް މިނިސްޓާ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް ފައްޔާޒު އިސްމާއިލް ވިދާޅުވެއްޖެއެވެ.

މަޖިލީހަށް ހުށަހަޅާފައިވާ ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލާ ގުޅޭ ގޮތުން ގިނަ މެންބަރުން ދަނީ އެ ބިލުގެ ސަބަބުން ރާއްޖޭގެ ކުދި ވިޔަފާރިތަކަށް ބިދޭސީން ވަނުމަށް މަގުފަހި ވާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މެންބަރުން އެގޮތަށް ދެކިވަޑައި ގަންނަވަނީ، ފޮރިން އިންވެސްޓްމަންޓާ ބެހޭ ގާނޫނުގެ ހުއްދަ ނަގައިގެން ބިދޭސީންނަށް ރާއްޖޭގައި ވިޔަފާރި ހިންގޭނެ ކަމަށް އާ ބިލުގެ ހަ ވަނަ މާއްދާގައި ބުނާތީއެވެ.

އެ ބިލާ ގުޅޭ ގޮތުން މެންބަރުންނަށް މައުލޫމާތު ދެއްވަމުން، މިނިސްޓަރު ފައްޔާޒު ވިދާޅުވީ ބިދޭސީން ރާއްޖޭގައި ވިޔަފާރި ކުރުމަކީ ކަންބޮޑުވާ މައްސަލައެއް ކަމަށްވިޔަސް، އާ ބިލުގައިވާ އިސްލާހެއްގެ ސަބަބުން އެ މައްސަލައަކަށް އެއްވެސް ބަދަލެއް ނާންނަ ކަމަށެވެ. އަދި މިހާރު ވެސް ބިދޭސީން ކުދި ވިޔަފާރިތައް ހިންގަމުން ދަނީ ދިވެއްސެއްގެ ނަމުގައި ގާނޫނާ ހިލާފަށް ކަމަށާއި އެކަންކަން މޮނިޓާ ކޮށް، އެކަން ހައްލު ކުރެވޭނެ ގޮތްތައް ހޯދަމުން އަންނަ ކަމަށް މިނިސްޓަރު ފައްޔާޒު ވިދާޅުވިއެވެ. އަދި ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ބިލުގެ ހަވަނަ މާއްދާއިން އެކަމަށް އެއްވެސް ބަދަލެއް ނާންނަ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖޭގައި މިހާރު ވެސް ފޮރިން އިންވެސްޓްމަންޓާ ބެހޭ ވަކި ގާނޫނެއް އޮންނަކަން ފާހަގަ ކުރައްވަމުން މިނިސްޓަރު ފައްޔާޒު ވިދާޅުވީ ދިވެހި ފޮޓޯގްރަފަރުންނަށް މިހާރު ފުރުސަތު ނުލިބެނީ އެ ގާނޫނުގެ ދަށުން ހަދާ ސިޔާސަތުތަކާ ހެދި ކަމަށެވެ. އަދި ވިޔަފާރި ރަޖިސްޓްރާ ކުރުމުގެ ގާނޫނަކީ ފޮރިން އިންވެސްޓުމަންޓު ނޫނީ ބިދޭސީ ވިޔަފާރި ރެގިއުލޭޓު ކުރުމަށް ހެދި ގާނޫނެއް ނޫން ކަމަށާއި، އެއީ ވިޔަފާރިތަކަށް ފަސޭހަ ކުރާ ގާނޫނެއް ކަމަށް ފައްޔާޒް ވިދާޅުވިއެވެ.

ރާއްޖޭގައި މިހާރު ވިޔަފާރި ކުރާ ދިވެހިންނަށްވުރެ ވިޔަފާރި ކުރާ ބިދޭސީން ގިނވަމުން އަންނަ އިރު، އަނދާޒާކޮށް ޖުމްލަ 250،000 ވުރެ ގިނަ ބިދޭސީން ރާއްޖޭގައި އުޅެއެވެ. އޭގެ ތެރޭގައި ގަވާއިދަށް އުޅޭ ބިދޭސީންނާއި ނުގަވާއިދަށް އުޅޭ ބިދޭސީން ހިމެނެއެވެ.