ކުރީގެ ރައީސް އަބްދުﷲ ޔާމީން ރާއްޖެއަށް ގެނެސް ދެއްވި ތަރައްގީ ރައްޔިތުންގެ ހިތްތަކުން ފޮހެ ނުލެވޭނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރު އަދި ޕީޕީއެމްގެ ނައިބު ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މުއިއްޒު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކުރީ ސަރުކާރުން ތަރައްގީކޮށް "ރަސް ރަނި ބަގީޗާ" ހުޅުވީ 2017 ވަނަ އަހަރު އޯގަސްޓް 21، ވަނަ ދުވަހު ކަމަށާ ރަސްރަނި ބަގީޗާއަށް މިއަދު ދެ އަހަރު ވެފައި ވާއިރު އެ މުނާސަބަތުގައި މުއިއްޒު ވަނީ ރާއްޖޭހެ ހުރިހާ ކުޑަކުދިންނާއި އާއިލާތަކަށް ތަހުނިޔާ ދަންނަވާފައެވެ.
މުއިއްޒު ވިދާޅުވީ ރަސްރަނި ބަގީޗާގެ ނަން މި ސަރުކާރުން ބަދަލު ކޮށްފައި ވީ ނަމަވެސް، ރައީސް ޔާމީން ގެނެސްދެއްވި ތަރައްގީ ދިވެހިންގެ ހިތްތަކުން ފޮހެ ނުލެވޭނެ ކަމަށެވެ.
ސިޓީ ކައުންސިލުން މީގެ ކުރިން ބުނެފައިވަނީ ރަސްރަނީގެ ނަން ސަލްޓަން ޕާކުގެ ނަމަށް އަލުން ބަދަލުކުރަން ނިންމީ އެ ޕާކަކީ ރާއްޖޭގެ ތާރީހީ މުހިންމު ތަނަކަށް ވެފައި، ހެރިޓޭޖް މިނިސްޓްރީގެ ލަފަޔާއެކު ކަމަށެވެ. ރަސްރަނީގެ ނަން އަލުން ސަލްޓަން ޕާކަށް ބަދަލުކުރަން ނިންމީ ސިޓީ ކައުންސިލުން ބޭއްވި ބައްދަލުވުމަކަށް ފަހު، ހުރިހާ މެންބަރުން އިއްތިފާގު ވެގެންނެވެ.
ސަލްޓަން ޕާކު ތަރައްގީ ކުރި އިރު މިދިޔަ ސަަރުކާރުން ވަނީ އެތަނުގައި ހުރި ބައެއް ތަންތަނަށް ބަދަލު ގެނެސް، އެ ބްލޮކްގައި ހުރި އާސާރީ ކަޅުވަކަރު މިސްކިތް ވެސް ނަގާފައެވެ. އަދި އެތަނުގައި ފިނި ތަންތާގައި ކުޅޭ ކުޅިވަރުތައް ހިމަނައިގެން ސްނޯ ޕާކުގެ ނަމުގައި ވަކި ތަނެއް ވަނީ ހުޅުވާފައެވެ.