92 ގްރާމުގެ މަސްތުވާތަކެއްޗާ އެކު މާލެއިން އަންހެނަކު ހައްކަރު ކޮށްފިއެވެ.

މި ހާދިސާއާ ގުޅިގެން ފުލުހުން ބުނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓުން އިއްޔެ 12:45 ހާއިރު ހިންގި އޮޕަރޭޝަނެއްގައި މާފަންނުގެ ގެއެއް ބަލާ ފާސްކޮށް ހައްޔަރު ކުރީ އުމުރުން 30 އަހަރުގެ އަންހެނެއް ކަމަށް ފުލުހުން ބުނެެއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި، މި މައްސަލައިގައި ހައްޔަރު ކުރިން އަންހެން މީހާ ދިރިއުޅޭ ގެ ކޯޓު އަމުރެއްގެ ދަށުން ބަލާ ފާސް ކުރި އިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފައި ހުރި ދެ ބުލެޓާއި ފުއްޕާހަމެއްގެ އިތުރުން ޖޫސްޕެޓީ ކޮތަޅަކާއި 7 ރަބަރު ޕެކެޓާއި ބިޑިއެއް ފެނިފައިވާ ކަމަށެވެ. ފުލުހުން ބުނީ، މި އަންހެން މީހާގެ ގެ ބަލާފާސް ކުރުމުގެ ތެރެއިން ފެނިފައިވާ ތަކެތީގައި 75 ގްރާމް ހެރޮއިން އަދި 17 ގްރާމް ކެނަބިސް ހުރި ކަމަށް ވަގުތީ ބަރުދަނުން ދައްކާ ކަމަށެވެ.

ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

މަސްތުވާތަކެތީގެ ބޭނުން ކުރުމާއި ވިޔަފާރި ކުރުމަކީ ރާއްޖޭގައި ނުހުއްޓުވުނު ނުބައި އަމަލެކެވެ. އެގޮތުން، މިދިޔަ ހޮނިހިރު ދުވަހު ވައިގެ މަގުން ދެ މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅުނު 25 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ އަތުލައިގެންފިއެވެ. މޯލްޑިވްސް ކަސްޓަމްސް އިން ބުނީ، އިންޑިއާގެ ޓްރިވެންޑްރަމުން އައި މި ފިރިހެން މީހާގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކު ކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި، އޭނާ ގެންގުޅުނު ލަގޭޖް ތެރެއިން ދެ ބާވަތެއްގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ. އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ އެއީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކޮކެއިން އަށް ޕޮޒިޓިވް ވެފައި ކަމަށެވެ.