މީގެކުރިން ޒިންމާ އަދާ ނުކުރެވުނު މުއައްސަސާތަކުގެ ވެރިންނަށް ވެރިކަން ބަދަލުވާއިރަށް ޒިންމާ އަދާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ އަރިހުގައި އިސްކޮށް މަސައްކަތް ކުރައްވާ އާމިނަތު ނާދިރާ ވިދާޅުވެއްޖެއެވެ.

ނާދިރާ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މީގެކުރިންވެސް ރަނގަޅު ކުރަން ހުރި މުއައްސަސާތަކެއް ހުރިކަން ފާހަގަކޮށް އެ މުއައްސަސާތަކުގެ ނަމާއި އެކު މުއައްސަސާތައް އިސްލާހުކޮށް ޒިންމާދާރު ކުރުވުމަށް އަޑު އުފުއްލެވި ކަމަށެވެ. ނަމަވެސް އޭރު ޒިންމާ އަދާ ނުކުރެވުނު ބަޔަކަށް މިއަދު ވެރިކަން ބަދަލުވާ އިރަށް ޒިންމާ އަދާ ކުރެވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ނާދިރާ ވިދާޅުވިއެވެ. ނާދިރާ ވިދާޅުވީ އަދިވެސް މުއައްސަސާތަކުގައި ތިބީ "ޖީބަށް އުޅުނު މީހުން" ކަމަށެވެ.

ނާދިރާ މިފަދައިން ވިދާޅުވެފައި މިވަނީ މިނިވަން މުއައްސަސާތަކުގައި ތިއްބެވި ވެރިންނަކީ ބަދަލު ކުރަންޖެހޭ ބައެއް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ގިނަ މެންބަރުންތަކެއް ވާހަކަ ދައްކަވަމުން ގެންދަވާ ދަނޑިވަޅެއްގައެވެ. އަދި ސަރުކާރުން ވަނީ މުއައްސަސާތައް ހަރުދަނާ ކުރުމަށްޓަކައި އެ މުއައްސަސާތަކުގެ ގާނޫނަށްވެސް ގިނަ އިސްލާހުތަކެއް ހުށަހަޅާފައެވެ. ސަރުކާރުންވެސް ބުނެފައިވަނީ އެ އިސްލާހުތައް ހުށަހަޅާފައި ވަނީވެސް މުއައްސަސާތައް ޒިންމާދާރު ކުރުމަށް ކަމަށެވެ.