އަމާޒަކީ މިއަހަރުގެ ޑިސެމްބަރު މަސް ނިމުމުގެ ކުރިން އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް ނިންމުން ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފިއެފެ.

ރައީސުލްޖުމްހޫރިއްޔަ އިބްރާހީމް މުހައްމަދު ސާލިހުގެ ރިޔާސީ ވައުދުފުޅެއް ކަމަށްވާ މިނިމަމް ވޭޖުގެ މަސައްކަތް ކުރުމަށްޓަކައި މީގެ ތިންމަސް ދުވަސް ކުރިން ވަނީ މިނިމަމް ވޭޖު ބޯޑެއް އެކުލަވާލައިފައެވެ. މި ބޯޑުގެ މަސައްކަތްތަކާއި ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އެންމެ ކުޑަ މިނުން ދެވޭނެ މުސާރަ އާއި އުޖޫރަ ކަނޑައެޅުމަކީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެއް ކަމެއް ނަމަވެސް އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމުގެ މަސައްކަތް މިއަހަރު ނިންމަން މަސައްކަތް ކުރާ ކަމަށެވެ.

އެ ބޯޑުގެ ބަޔާނުގައި ބުނެފައިވަނީ، މިނިމަމް ވޭޖްގެ މަސައްކަތްތަކަށް އިންޓަނޭޝަނަލް ލޭބަ އޯގަނިޒޭޝަން (އައިއެލްއޯ)ގެ އެހީ އާއި ލަފާ ލިބެމުން އަންނަ ކަމަށެވެ. އެގޮތުން އެ ޖަމިއްޔާގެ ވަފުދެއް ދާދިފަހުން ރާއްޖެ އައިސް، ސަރުކާރުގެ މުއައްސަސާތަކާއި ވަޒީފާ އަދާކުރާ ފަރާތްތަކާއި ވަޒީފާ ދޭ ފަރާތްތަކުގެ މަންދޫބުން ބައިވެރި ކޮށްގެން މަސައްކަތު ބައްދަލުވުމެއް ބޭއްވި ކަމަށްވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މިނިމަމް ވޭޖް ބޯޑަކީ، ވަޒީފާއާ ބެހޭ ގާނޫނުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އެކުލަވާލައްވަން ލާޒިމް ކުރާ ބޯޑެކެވެ. އެ ގާނޫނުގައި ބުނެފައި ވަނީ، އެކިއެކި ވިޔަފާރި ކުރާ ތަންތަނާއި އެނޫންވެސް މަސައްކަތްތައް ކުރާ ތަންތަނު ގައި މުވައްޒަފުން މަސައްކަތް ކުރަމުން ދާގޮތް ބަލައި ދެނެގަތުމަށާއި، އެތަންތަނުގައި މަސައްކަތްކުރާ މީހުންނަށް މުސާރައިގެ ގޮތުން އެންމެ ކުޑަމިނުން ދެވޭނެ އަދަދާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓަރަށް ލަފާ ދިނުމަށްޓަކައި މުސާރަ އާއި އުޖޫރައާ ގުޅޭގޮތުން ލަފާދޭ ބޯޑެއް އޮންނަން ވާނެ ކަމަށެވެ.