ރާއްޖޭގެ ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް މި ސަރުކާރުން ދޭން ބުނި "ބޭބީ ބޮކްސް" ދިނުން އަންނަ އަހަރަށް ފަސްކޮށްފި އެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އާންމުކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ 100 ދުވަހު ފުއްދާނެ ވައުދުތަކުގެ ތެރެއިން، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި އޮތީ، ރާއްޖޭގެ ކޮންމެ ރަށަކަށް ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ތަންމަތީ ފޮއްޓަކާއި އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާނެ އަސާސީ ތަކެއްޗާ އެކު، "ބޭބީ ބޮކްސް" ފޯރުކޮށްދޭން ފަށާނެ ކަމަށެވެ.

ރާއްޖޭގެ ކޮންމެ އާއިލާއަކަށްވެސް އުފަންވާ ކޮންމެ ކުއްޖަކަށް ހަދިޔާއެއް ދިނުމަކީ ސަރުކާރުގެ 90 ދުވަސްތެރޭގައި ފުއްދުމަށް ވެފައިވާ ވައުދެކެވެ. ނަމަވެސް މި ސަރުކާރަށް މިހާތަނަށްވެސް މި ވައުދު ފުއްދާފައެއް ނުވެއެވެ. މިކަމާއި ގުޅިގެން ރައީސް އޮފީހުން ވިދާޅުވީ އުފަންވާ ކޮންމެ ކުއްޖަކަށް ބޭބީ ބޮކްސް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޖަހަން ނިންމާފައިވާ ކަމަށެވެ. ނަމަވެސް މި ވައުދަކީ ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އާންމުކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ 100 ދުވަހު ފުއްދާނެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު އެއް ވައުދެވެ.