ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލެހައްޓާ (ޕްރައިވެޓައިޒޭޝަން އެންޑް ކޯޕޮރައިޒޭޝަން ބޯޑް) ޕީސީބީގެ ރައީސް ކަމުން މުހައްމަދު ނިޒާރު އިސްތިއުފާ ދެއްވައިފިއެވެ.

ނިޒާރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީސީބީއަށް ހިދުމަތް ކުރާތާ ފަސް އަހަރާއި 26 ދުވަސް ފަހުން އެ ބޯޑުން އިސްތިއުފާ ދެއްވާފައިވާ ކަމަށާއި، މިއާއެކު ގައުމަށް ހިދުމަތް ކުރާތާ 34 އަހަރު ފުރިހަމަ ވެފައިވާ ކަމަށެވެ. އިސްތިެުފާ ދެއްވަމުން ނިޒާރު ވަނީ ހުރިހާ ސަރުކާރަކަށާއި، ޕީސީބީގެ ބޯޑު މެންބަރުންނާއި ޕީސީބީ މިއަދު އޮތް ހިސާބަށް ގެނައުމަށް އެހީތެރިވެދިން ހުރިހާ އެންމެނަށް ޝުކުރު އަދާކޮށްފައެވެ.

ނިޒާރު ޕްރައިވަޓައިޒޭޝަން ބޯޑުން އިސްތިއުފާ ދެއްވާފައިވާއިރު އެ ބޯޑުގައި ތިއްބެވި މެންބަރުން ބަދަލު ކުރުމަށް މަޖިލީހުގެ ބައެއް މެންބަރުންނާއި ސަރުކާރަށް ތާއީދު ކުރާ އާންމުން ދަނީ ގޮވާލަމުންނެވެ.

ޕްރައިވަޓައިޒޭޝަން ބޯޑަކީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރޭޝަން ގާނޫނުގެ ދަށުން އުފައްދާފައިވާ ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ ބޯޑެކެވެ. ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މަސައްކަތްތައް މޮނީޓާކުރާ އެ ބޯޑަށް މެންބަރުން އައްޔަނު ކުރަނީ މަޖިލީހުގެ ރުހުމާއެކު އޭރު ރައީސް ކަން ކުރައްވާ ބޭފުޅެކެވެ.