ހައްޖާޖީންނަށް ފަސޭހަ ކަމާއި އެކީ ޑޮކްޓަރަށް ދެއްކުމުގެ ފުރުސަތު ތަނަވަސްކޮށްދިނުމަށް އައިޖީއެމްއެޗްގައި ހާއްސަ ކްލިނިކެއް ހުޅުވައިފިއެވެ.

ހައްޖު އޯޕީޑީގެ ނަމުގައި ހުޅުވި މި ކްލިނިކްގެ ހިދުމަތް ކޮންމެ ހަފްތާއަކު އާދިއްތަ ދުވަހުން ފެށިގެން ބުރާސްފަތި ދުވަހާ ހަމައަށް މެންދުރު 2:00 އިން ރޭގަނޑު 10:00 އަށް ހައްޖު ވެރިންނަށް ލިބޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ. ހައްޖާޖީންނަށް ހާއްސަކޮށްގެން ހުޅުވާފައިވާ ހައްޖު އޯޕީޑީން އެއްވެސް އެޕޮއިންޓްމަންޓަކާ ނުލައި ހައްޖާޖީންނަށް ޑޮކްޓަރަށް ދެއްކޭނެ ކަމަށް އައިޖީއެމްއެޗުން ބުނެއެވެ.

ހައްޖާޖީންނަށް ހާއްސަ ކްލިނިކެއް އައިޖީއެމްއެޗުގައި ހުޅުވާފައިވާއިރު، ހައްޖުގެ މާތް އަޅުކަމަށްފަހު އެނބުރި އަންނައިރު، ބަލިވެ އުޅޭނަމަ، ބަލި ހާލަތު އިތުރަށް ގޯސްވެދާނެ ކަމަށްޓަކައި ހައްޖާޖީން އަދި އާއިލާއިން ސަމާލުވުމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ އިލްތިމާސް ކޮށްފައެވެ.

އެގޮތުން، ހައްޖުން އަނބުރާ އަންނަ މީހުން ސަމާލުކަންދޭންވީ ބައެއް ކަންތައްތައް އެޗްޕީއޭ އިން ވަނީ ފާހަގަ ކޮށްފައެވެ. އޭގެތެރޭގައި، ހައްޖުން އެނބުރި އަންނަތާ 14 ދުވަސް ތެރޭގައި ހުން އައިސް، ކެއްސާ، ނޭވާލާން އުނދަގޫވާނަމަ ލަސްނުކޮށް ޑޮކްޓަރެއްގެ މަޝްވަރާ ހޯދުން ހިމެނެއެވެ. އަދި ޑޮކްޓަރަށް ދައްކާއިރު ހައްޖުން ނުވަތަ އުމްރާއިން އެނބުރި އައި މީހެއް ކަމުގެ މައުލޫމާތު ދިނުމާއި މި ނޫންވެސް އިތުރު ބަލިމަޑުކަމެއްގެ އަލާމާތެއް ފެންނަ ނަމަވެސް ޑޮކްޓަރަށް ދެއްކުމަށް އެޗްޕީއޭ އިން ވަނީ އިލްތިމާސްކޮށްފައެވެ.