ކަނޑޫމާ ތިލަ ކައިރައަށް މީގެ 3 ދުވަސް ކުރިން ފީނަން ފޭބި ފަހުން ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ފަތުރުވެރިޔާ ހޯދުމަށް އެމްއެންޑިއެފް ކޯސްޓް ގާޑުގެ ޑައިވަރުން ދަނީ ހުއްޓުމެއް ނެތި ހަރަކާތްތެެރިވަމުން ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެ މީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

22 މީހުންނާ އެކު ފީނަން ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނީ އަންހެން ފަތުރުވެެރިއެކެވެ. އަދި މިދިޔަ އާދިއްތަ ދުވަހު މެންދުރު 2:30 އިން ފެށިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

ޑައިވިން ފޭބި ފަތުރުވެރިޔާ ހޯދުމުގައި އެމްއެންޑީއެފުން ހަރަކާތްތެރިވަނީ / ފޮޓޯ: އެމްއެންޑީއެފް

މިހާދިސާގެ މައުލޫމާތު އެމްއެންޑީއެފަށް ލިބިފައި ވަނީ އާދިއްތަ ދުވަހު 1:10 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ. އެމްއެންޑީއެފުން ބުނީ ހޯދަމުން ދަނީ އުމުރުން 41 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓަކެވެ. އަރައިގެން ހުރީ ހުދު ކުލައިގެ ފިންސަކަށް ކަމަށާއި ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އޭނާ އަޅައިގެން ހުރި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށް ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަލައި ދިނުމަށާއި އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅައި ދިނުމަށް އެދޭ ކަމަށެވެ.

ފަތުރުވެރިޔާ ފީނަން ފޭބީ "އޯސީއޭ އެމް7 އެސް" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ.