ހާލުގައި ޖެހިފައި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯ ދައުރުވި އުމުރުން ދުވަސްވީ އަންހެން މީހާގެ އާއިލާއިން މިނިސްޓްރީ އޮފް ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސްއާ މުއާމަލާތު ކޮށްފިއެވެ.

ޖެންޑާ މިނިސްޓްރީން ބުނީ އަންހެން މީހާގެ އާއިލާއިން މިނިސްޓްރީއާ މުއާމަލާތު ކޮށްފައިވާ ކަމަށާއި މިނިސްޓްރީން ކަން ހިނގައި ދިޔަގޮތް ބަލަމުން ގެންދާ ކަމަށެވެ. އަދި މި ކަން އެ މިނިސްޓްރީގެ ސަމާލުކަމަށް ގެނެސް، މިނިސްޓްރީގެ މެސެޖު އާންމުންނާ ހަމައަށް ފޯރުކޮށްދިން ފަރާތްތަކަށް ޖެންޑާ މިނިސްޓްރީން ވަނީ ޝުކުރު އަދާކޮށްފައެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައި ފެންނަނީ ގޯޅިގަނޑެއްގެ ތެރޭގައި، މަގުމައްޗަށް ވާ ގޮތަށް ފާރުގައި ލެނގިލައިގެން އިންނަ އުމުރުން ދުވަސްވީ އަންހެނެކެވެ. އަނގަމަތީގައި އަތް އަޅައިގެން ކަހަލަ ގޮތަކަށް އިންނަ އެ މީހާ އިންނަނީ ފައިވާން މަތީގައި އިށީދެގެންނެވެ.

އެ ފޮޓޯ ސޯޝަލް މީޑިއާގައި ދައުރުކުރި މީހަކު ބުނެފައި ވަނީ އެ އުމުރުގެ މީހަކަށް އަޅާލާނެ މީހަކު ނެތި، މަގުމަތީގައި އިންނަން ޖެހުމަކީ އޭގެ ސަބަބު ބަލައި، ފިޔަވަޅު އަޅަން ޖެހޭ ކަމެއް ކަމަށެވެ. ފޮޓޯ އާންމު ވުމާއި އެކު ބައެއް ފަރާތްތަކުން ވަނީ، މި އަންހެން މީހާ ހޯދާ، އެ ފަރާތްތަކާ ހަވާލު ކުރުމުން، އެ ފަރާތްތަކުން އަންހެން މީހާއަށް އަޅާލާނެ ކަމަށް ބުނެފައެވެ.

މީގެ އިތުރުން، މި އަންހެން މީހާއަކީ ހާލުގައި ޖެހިފައިވާ މީހެއް ނޫން ކަމަށާއި، އެ އަންހެން މީހާ ދިރިއުޅެނީ ފޮޓޯ އިން ފެންނަ ގޯޅި ގަނޑާ ޖެހިގެން ހުންނަ ގޭގައި ކަމަށް ބުނެ ވެސް މީހަކު ވަނީ ދައުރުވަމުންދާ ފޮޓޯ އަށް ކޮމެންޓް ކޮށްފައެވެ.