އެމެރިކާގެ އެންމެ މަގުބޫލު ރައީސްގެ ގޮތުގައި ވެރިކަމުގެ 2 ދައުރު ފުރިހަމަ ކުރެއްވުމަށް ފަހު މުނިފޫހިފިލުމުގެ ދާއިރާއަށް މިސްރާބު ބަދަލު ކުރައްވާފައިވާ ބަރާކް އޮބާމާއާއި އަނބިކަނބަލުން މިޝޭލް އޮބާމާ ގުޅިވަޑައިގެން އުފައްދަވާ ފުރަތަމަ ފިލްމަކީ، މިއަދު އެމެރިކާގެ އެންމެ ބޮޑު ހަތުރުގެ މަގާމުގައި އޮތް ޗައިނާގެ ގުޅުމަށް ހާއްސަ ފިލްމެއް ކަމަށް ޚަބަރު ލިބިއްޖެއެވެ.

"އެމެރިކަން ފެކްޓްރީ"ގެ ނަމުގައި ކުރިން އުފައްދާފައިވާ ޑޮކިއުމަންޓްރީއެއް ހަމަ އެނަމުގައި ފިލްމެއްގެ ސިފާގައި ސްޓްރީމް ކުރުމަށް ހަމަޖެހިފައި ވަނީ ދިވެހިންގެ މެދުގައިވެސް ބޮޑު މަގުބޫލުކަމެއް ހޯދާފައިވާ "ނެޓްފްލިކްސް"ގައެވެ. މީގެ އިތުރުން، ހޮވާލެވޭ ބައެއް ސިނަމާ ތަކުގައިވެސް މި ފިލްމު އެޅުވުމަށް ވަނީ ހަމަޖެހިފައެވެ.

މިފިލްމުގައި މައިގަނޑު ގޮތެއްގައި ފެނިގެން ދާނީ ޗައިނާގެ "ޗެއާމަން" ގެ "ލީޑާޝިޕް"ގެ ދަށުން، އެމެރިކާގައި، އެމެރިކާގެ ރައްޔިތުން ލައްވާ މަސައްކަތް ކުރުވާ ކާރުހާނާ އެއްގެ ތެރޭގައި ހިނގާދާ ކަންތައްތަކެކެވެ. އެގޮތުން ޗައިނާއާއި އެމެރިކާގެ ރައްޔިތުންގެ ގުޅުމުގެ ވާހަކަ ތަކެއްވެސް މި ފިލްމުން ފެނިގެން ދާނެއެވެ.

މި ފިލްމަކީ މިޝޭލް އޮބާމާގެ ހަޔާތްޕުޅާވެސް ކޮންމެވެސް ވަރަކަށް ގުޅޭ ފިލްމެއް ކަމަށް ޚަބަރު ލިބެއެވެ. އެގޮތުން މިޝޭލް އޮބާމާގެ ބައްޕާފުޅަކީ، އާއިލާއަށް ބޭނުންވާ ޒަރޫރީ ބޭނުންތައް ފުއްދައިދެއްވުމަށްޓަކައި ވަރަށް ބުރަ މަސައްކަތްތެއް ކުރައްވައި އުޅުއްވި ބޭފުޅެއް ކަމަށް ވެއެވެ. ފިލްމުގައި ފެނިގެންދާ ކަން ކަމަކީ ޚުދު މިޝޭލް އޮބާމާގެ އާއިލާއިންވެސް ތަޖުރިބާކުރި ކަންތައް ތަކެއް ކަމަށްވެސް ވާހަކަ ދެކެވެއެވެ. ބަރާކް އޮބާމާއާވެސް ފިލްމާ ގުޅުން ތަކެއްވެއެވެ. މި ގުޅުން އަންނަނީ، ފިލްމުގައި ސިޔާސީ ކުލަވަރުތައް ފެނިގެންދާ ހިސާބުންނެވެ.

މިޝޭލްއާއި ބަރާކް އޮބާމާގެ ފުރަތަމަ ފިލްމް "އެމެރިކަން ފެކްޓްރީ" ރިލީޒް ކުރުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 21 ވަނަ ދުވަހުއެވެ.