ހޮންގްކޮންގްގައި ކުރިއަށް ދާ ވަރުގަދަ މުޒާހަރާތަކުގެ ހައިބަތަށް އުނިކަން ލިބޭ ގޮތަށް ޗައިނާގެ ދައުލަތް އަޑީގައި އޮވެގެން ހިންގަމުން ދިޔަ ސޯޝަލް މީޑިއާ އެކައުންޓްތަކެއް ހުއްޓުމަކަށް ގެނެސްފައި ވާކަމަށް، ދުނިޔޭގެ އެންމެ ބޮޑެތި ސޯޝަލް ނެޓްވާކިންގް ޕްލެޓްފޯމް ތަކުގެ ތެރޭގައި ހިމެނޭ ފޭސްބުކްއާއި ޓްވިޓާއިން ބުނެފިއެވެ.
ޓްވިޓާއިން ބުނީ މައިގަނޑު 936 އެކައުންޓެއް ހުއްޓުވާ، ސަސްޕެންޑް ކޮށްފައި ވާއިރު މިއީ ޗައިނާގެ މައި ދައުލަތުގެ ރޭވުމުގެ ދަށުން ވަރަށް ރޭވުންތެރި ކަމާއެކު އޮޕަރޭޓް ކުރަމުން ދިޔަ އެކައުންޓް ތަކެއް ކަން ހާމަވާ ކަމަށާ، މިއީ "ސްޕޭމް" ނެޓްވާކެއްގެ ތެރޭގައި ހިމެނޭ 2 ލައްކައެއްހާ އެކައުންޓް ތަކުގެ ތެރެއިން އެންމެ "ހަރަކާތްތެރި" އެކައުންޓްތައް ކަމަށެވެ. ފަހުން ދެންނެވި 2 ލައްކަ އެކައުންޓުން މާ ބޮޑު ހަރަކާތްތަކެއް ނުހިންގެނީސް، އެ އެކައުންޓްތައްވެސް ސަސްޕެންޑް ކޮށްފައި ވާނެ ކަމަށް ޓްވިޓާއިން ބުނެއެވެ.
ފޭސްބުކްއިން ބުނީ ޓްވިޓާއިން ލިބުނު މައުލޫމާތަކާ ގުޅިގެން ބައެއް ފޭސްބުކް އެކައުންޓްތަކާ ޕޭޖުތައް މިހާރު ނަގާފައި ވާނެ ކަމަށާ، މިހާތަނަށް ހިންގި ތަހުގީގުތަކަށް ބަލާއިރު އެ އެކައުންޓް ތަކަކީ ޗައިނާގެ ސަރުކާރާ ގުޅުން ހުރި ވަކިވަކި ފަރުދުން ތަކެއް ހިންގި އެކައުންޓް ތަކެއް ކަމަށާ، އެއީ ކުޑަ ނެޓްވާކެއްކަން ހާމަވާކަމަށެވެ.
ހޮންގްކޮންގްގައި މިހާރު ކުރިއަށް ދާ ބޮޑު މުޒާހަރާ އަކީ 2012 ވަނަ އަހަރު ޗައިނާގެ ވެރިކަމާ ހަވާލުވެ ވަޑައިގެންނެވި ޝީ ޖީންޕިންގްއަށް ކުރިމަތި ލައްވަން ޖެހިވަޑައިގެންފައި ވާ އެންމެ ބޮޑު ގޮންޖެހުމެވެ. ޗައިނާގެ ކޮމިއުނިސްޓް ކޯޓުތަކަށް ކުށްވެރިން ހާޒިރު ކޮށްގެން ޝަރީއަތް ހިންގޭ ގޮތަށް ހޮންގްކޮންގްގެ އެކްސްޓްރަޑިޝަން ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލްގެ މައްސަލާގައި މިއަހަރުގެ ޖޫން މަހު ފެށި މުޒާހަރާތަކާ ގުޅިގެން މި ބިލްގެ މަސައްކަތްތައް އޮތީ ވަގުތީ ގޮތުން ހުއްޓާލާފައެވެ. ޗައިނާގެ މައި ސަރުކާރަށް ބާރު ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ އިސްލާހީ ބިލަށް ހޮންގްކޮންގްގެ އިދާރީ ސަރުކާރުން ތާއީދު ކުރުމާއެކު ފެށި މުޒާހަރާތަކަށް އަދިވެސް މަޑުޖެހުމެއް އައިސްފައި ނުވާއިރު، ދުނިޔޭގެ އެންމެ ހަރަކާތްތެރި ވިޔަފާރި މަރުކަޒުތަކުގެ ތެރެއިން މަރުކަޒެއްގެ ގޮތުގައި ބަލަމުން އަންނަ ހޮންގްކޮންގް އާއި ބައިނަލްއަގުވާމީ ދުނިޔެ ގުޅުވާ ދޭ ބައެއް ޕްލެޓްފޯމް ތަކަށް ވެސް އެކަމުގެ އަސަރު ދަނީ ކުރަމުންނެވެ.