މިއަހަރުގެ ބަޖެޓްގައި ޖަހާފައިވާ އެއްޗަކަށް ޒިންމާވާން ޖެހޭނީ ބަޖެޓްގައި އެ އެއްޗެއް ޖެހި ބަޔަކު ކަމަށް ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން ޝަހީމް (އަނދުން ހުސައިން) ވިދާޅުވެއްޖެއެވެ.

މިއަހަރުގެ ބަޖެޓް އެކުލަވާލީ ނިމިގެން ދިޔަ ސަރުކާރުން ކަމާ، އެ ބަޖެޓް ފާސްކުރީ ޕީޕީއެމްގެ ބޮޑު އަޣުލަބިއްޔަތު އޮތް 18 ވަނަ ރައްޔިތުންގެ މަޖިލީހުން ކަމަށް ވިދާޅުވެ އަނދުން ހުސައިން ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރާ ހަވާލުވެވަޑައިގެން، އެމްޑީޕީން ކަމެއް ހިންގަން ހަވާލުވި އިރުގައި، އެމްޑީޕީން ބަލާނީ އެކަމެއް ކުރަން ޖެހުނީމައި ހުރީ ކިހާވަރެއްތޯ ކަމަށެވެ. އަދި ބަޔަކު ބަޖެޓްގައި ޖަހާފައި ފާސްކޮށްފައި ހުރި އެއްޗެއް އެއީ އެބަޔަކު ޒިންމާ ނަގަންޖެހޭ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

އަނދުން ހުސައިން ވިދާޅުވީ ރާއްޖޭގެ ރައްޔިތުން މިހާރުވެސް ބަލަނީ ހަބަރުތަކުގެ ހެޑްލައިން ކަމަށާ އެ ހަބަރުގެ ތަފްސީލަށް ވަޑައިގަންނަވާ ބޭފުޅުންނަކީ ގާތްގަނޑަކަށް 50 ޕަސެންޓަށް ވުރެ މަދު އަދަދެއް ކަމަށެވެ. އަދި ޓްރާންސިޝަނަލް ޕީރިއަޑުގައި ޓްރާންސިޝަނަލް ކޮމިޓީގެ ފަރާތުން ޕީސީބީ ބޯޑާ ވެސް އެއިރު ބައްދަލުކުރި ކަމަށާ، ނަމަވެސް އެ ބޯޑުންނާއި ސަރުކާރުގެ ކުންފުނިތަކުން ޓްރާންސިޝަނަލް ކޮމިޓީއަށް އެކަށީގެންވާ މައުލޫމާތެއް ނުދޭ ކަމަށެވެ.

"އެހެންވީމަ ސިއްރު ކުރެވިފައި ހިފަހެއްޓިފައި ހުރި މައުލޫމާތުގެ ތެރެއިން ލިބުނު މަދު މިންވަރެއްގެ މައްޗަށް އަޅުގަނޑުމެން މަސައްކަތްކުރަމުން އައީ، ރައީސް ޔާމީނަކީ އަބަދުވެސް ރައްޔިތުންނަށް އޮޅުވާލާ ބޭފުޅެއް. ބޮޑަށް އޮޅުވާލުމުގެ ތެރެއިން އައްޑޫގެ ބަނދަރު ހެދުމަށްޓަކައި ބަޖެޓްގައި ހިމަނާފައި އޮންނާނެ. އެ ހެޑްލައިން އެކަނި ރައީސް ޔާމީން ބޭނުންފުޅުވީ އައްޑޫ ރައްޔިތުންނަށް ދައްކަން. އޭގައި ޖަހާފައި ހުރީ އެކްސްކަވޭޓަރެއްގެ އެއްމަސް ދުވަހުގެ ކުލިތޯ ނޫންތޯ މަދު ރައްޔިތަކު ނޫނިއްޔާ ނުބަލާ،"
އަނދުން ހުސައިން

އަނދުން ހުސައިން ވިދާޅުވީ މި ސަރުކާރުން އެކަށީގެންވާ ވަރަށް މިހާރު އޮތް ބަޖެޓުން ކަންކަން ކޮށްދީފައިވާ ކަމަށެވެ. އެގޮތުން 1.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްގައި ސޮއިކޮށް މަސައްކަތްތައް ސޮއިކުރެވުނު ކުންފުނިތަކާ ހަވާލު ކުރެވިފައި ވާ ކަމަށް އޭނާ ވިދާޅުވިއެވެ. އަދި ބަޖެޓުން 21 ޕަސެންޓް ހަރަދު ކުރެވިފައި ހުރުމަކީ ސަރުކާރުން ކަމެއް ނުކޮށް އޮންނަ އޮތުމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ އެއްވެސް ސަރުކާރެއްގައި ޕްރޮޖެކްޓެއްގައި ސޮއި ކޮށްފައި އެ ޕްރޮޖެކްޓެއްގެ މަސައްކަތް ހިނގަމުންދާ ނިސްބަތުގެ ބޭރުން ޕްރޮޖެކްޓަށް ފައިސާ ދޫކޮށްފައި ވާކަމުގައި ވާނަމަ، އެއީ އެބަޔަކު އެކަމަށް ޒިންމާދާރު ކުރުވަން ޖެހޭ ކަމެއް ކަމަށެވެ. އަދި ރައީސް ސޯލިހުގެ ސަރުކާރުން 1.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްގައި ސޮއިކޮށް އެ މަސައްކަތް އެވޯޑްކޮށް ކުންފުނިތަކުން ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާތީ އެ މަސައްކަތާ މެދު ހިތްހަމަ ޖެހިވަޑައިގަންނަވާ ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

"އެހެންވީމަ 1.5 ބިިލިއަން ރުފިޔާގެ ޕްރޮޖެކްޓްތަކުގައި ސޮއިކޮށްފައި ހަވާލުކުރެވިފައި ހުރުމުން، ކުންފުނިތަކުން މަސައްކަތް ކުރަމުންގެންދާ ނިސްބަތަކުން އިސްފަސްކުރަމުން ގެންދާނީ. ރައީސް ޔާމީންގެ ސަރުކާރުގައި އެއް އަހަރުވީ އިރުވެސް ގާބުރިއެއް ފުރޮޅާ ނުލާ އޮވެގެން އެމްޑީޕީން ކުރި ފުރަތަމަ މުޒާހަރާ ކުރި މީހުންގެ ތެރެއިން އެކަކު އަޅުގަނޑަކީ. ރައީސް ޔާމީންގެ ސަރުކާރުގައި ވެސް ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި ކަމެއް ފެނިފައެއް ނުވޭ،"
އަނދުން ހުސައިން

ސަރުކާރުން ތަރައްގީގެ އެއްވެސް މަސައްކަތެއް ނުކުރާ ކަމަށް އިދިކޮޅުން ދައްކާ ވާހަކަތަކަށް ރައްދެއްގެ ގޮތުގައި އޭނާ ވިދާޅުވީ ހަގީގަތަކީ ޕްރޮޖެކްޓެއްގެ ފުރަތަމަ ކަމަކަށް ކޮށްދޭން މި އޮންނަ ކަމަކީ އެއާޕޯޓެއް، ފަޅެއް، ފުލެޓެއް ނުވަތަ ނުވަތަ ބަނދަރު ހެދުން ކަމަށެވެ. އަދި މީގެ ގިނަ ކަންކަމަކީ އީއައިއޭ ހެދުމާއި މިކަކަމަށް ބޭނުންވާ ޑިޒައިން ކުރުން ކަމަށާ، މި ހުރިހާ ކަމަކަށް ނަގާ ވަގުތަށް ބަލާއިރު އަދި ކަމެއް ފެށޭއިރު މި ސަރުކާރަށް މިވީ ދުވަހަށް ވުރެ ގިނަ މުއްދަތު ނަގާނެ ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.

އަދި މި މުއްދަތަށް އައި އިރު 1.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެވޯޑް ކޮށް ސޮއިކޮށްފައި އޮތީމައި ސަރުކާރުން ބޮޑު ޒިންމާ އެއޮތީ ކުންފުނިތަކާ ހަވާލު ކުރެވިފައި ކަމަށާ އެމީހުން އެކަން ކުރިއަށް ގެންދާނެ ކަމަށް އަނދުން ހުސައިން ވިދާޅުވިއެވެ.