ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ސަރުކާރުން ފަށާފައިވާ ތެރަޕީގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވިދާނެ ގޮތްތަކާ ބެހޭގޮތުން ނައިބު ރައީސް ފައިސަލް ނަސީމް، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުގެ އިސް ފަރާތްތަކާއެކު މަޝްވަރާ ކުރައްވައިފިއެވެ.

މި މަޝްވަރާ ބައްދަލުވުން ބާއްވާފައި ވަނީ މިއަދު މެންދުރުފަހު ރައީސް އޮފީހުގައެވެ. މިއަދު ބޭއްވި މި ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން، ނައިބު ރައީސް ވަނީ ރާއްޖޭގެ އެކި ސަރަހައްދު ތަކުގައި ޓާޝަރީ ފެންވަރުގެ ސިއްހީ ހިދުމަތްތައް ފެށިގެން ދާއިރު އެ ސަރަހައްދު ތަކުގައި ދިރިއުޅޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތެރެޕީގެ ހިދުމަތްތައް ފަސޭހަ ކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެހިފައި އޮތުމުގެ މުހިންމުކަން ފާހަގަ ކުރައްވާފައެވެ.

މީގެ އިތުރުން ތައުލީމީ ދާއިރާގައިވެސް ތެރެޕީގެ ހިދުމަތް ލިބޭނެ އިންތިޒާމުތައް ހަމަޖެއްސުމާ ބެހޭގޮތުންނާއި، މާބަނޑު ދުވަސްވަރުން ފެށިގެން ކުއްޖާގެ އުމުރުން 5 އަހަރު ވަންދެން ކުދިންގެ ހެދިބޮޑުވުމުގެ ކަންކަން ހަރުދަނާ ގޮތެއްގައި މޮނިޓާ ކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ވެސް މި ބައްދަލުވުމުގައި މަޝްވަރާކުރިއެވެ.

މި ބައްދަލުވުމުގައި ހެލްތު މިނިސްޓަރާއި ޖެންޑާ، ފެމިލީ އެންޑް ސޯޝަލް ސާވިސަސް މިނިސްޓަރާއި އެޑިއުކޭޝަން މިނިސްޓަރު އަދި އިންކްލޫސިވް އެޑިއުކޭޝަން ޑިޕާޓްމަންޓްގެ އިތުރުން އެންސްޕާއާއި އާސަންދައިގެ ފަރާތުން އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވިއެވެ.