ލ. މާމެންދޫ ގެއެއްގެ ފުރާޅުމައްޗަށް ފާރެއް ވެއްޓި، ކުޑަކުއްޖަކާއި ބޮޑު މީހަކަށް އަނިޔާވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ފު ލުހުން ބުނީ މާމެންދޫގައި އިމާރާތް ކުރަމުންދިޔަ އިމާރާތެއްގެ ފާރެއް ވެއްޓި ހަމަ އެ ގޯތިތެރޭގައި ހުރި އެހެން އިމާރާތެއްގެ ފުރާޅު މައްޗަށް ވެއްޓި، ފުރާޅުގައި ޖަހާފައި ހުރި ސިމިންތި ޓިނުތައް ފަޅައިގެންގޮސް ސީލިންގާއި އެކު އެގޭގެ ކޮޓަރި ތެރެއަށް ވެއްޓިފައިވާ ކަމަށެވެ.
މި ހާދިސާގައި އަނިޔާވީ، ފާރު ވެއްޓުނު ވަގުތު ކޮޓަރި ތެރޭގައި ތިބި އުމުރުން 2 އަހަރުގެ ކުޑަކުއްޖަކާއި 38 އަހަރުގެ ފިރިހެނަކަށް ކަމަށް ފުލުހުން މައުލޫމާތުދެއެވެ. ފުލުހުން ބުނީ އަނިޔާވި ކުއްޖާއަށާއި މީހާއަށް ވެސް ސީރިއަސް އަނިޔާއެއް ލިބިފައިނުވާ ކަމަށެވެ.
ފުލުހުން ބުނީ މި ހާދިސާގެ ހިނގާފައިވަނީ މިއަދު މެންދުރު 13:11 ހާއިރު ކަމަށެވެ. އަދި މި ހާދިސާ ހިނގީ، ވައި ގަދަވުމުގެ ސަބަބުން ރޭނުމަށްފަހު، ނުހިކި ހުރި ފާރެއް ކަމަށް ވެސް ފުލުހުން ބުނެއެވެ.
މީގެ އިތުރުން ފުލުހުން ވަނީ ވަގުތީ ގޮތުން، ދިރިއުޅެވޭނެ ހާލަތަށް އެގެ ގެނައުމަށްޓަކައި ގެ ސާފު ކުރުމަށާއި، ފުރާޅުގައި ޓިނު ޖެހުމުގައި ހަރަކާތްތެރިވެ އެހީތެރިކަން ފޯރުކޮށްފީފައެވެ.
ވައި ގަދަވުމުގެ ސަބަބުން މި ހާދިސާ ހިނގާފައިވާއިރު، ރާއްޖޭގެ މޫސުމާ ބެހޭ އިދާރާ މެޓް އޮފީހުން ވަނީ މިއަދު ހަވީރު 3:30 އިން ފެށިގެން 9:30 އާ ހަމައަށް ކ. އަތޮޅާއި ލ. އަތޮޅާއި ދެމެދުގެ އަތޮޅުތަކަށް ވައިޓް އެލާޓް ނެރެފައެވެ. އެ އިދާރާއިން ވަނީ، މި ވަގުތުގައި ބޯކޮށް ވާރޭ ވެހި، ގުގުރާނެ ކަމަށާއި، ވިލާގަނޑުގައި 45 މޭލު ބާރު މިނަށް ވައި ގަދަވާނެ ކަމަށް ލަފާކޮށްފައެވެ.