ހުޅުމާލޭގައި ވެހިކަލް ރަޖިސްޓްރީ ކުރުން މަޑު ޖައްސާލުމަށްފަހު އަނެއްކާ ވެސް ވެހިކަލް ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދިނުމަށް ހައުސިން ޑިވަލަޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފިއެވެ.

ހުޅުމާލޭގައި ވެހިކަލްތައް ގިނަވެގެން، ވެހިކަލް ރަޖިސްްޓްރީ ކުރުން މަޑުޖައްސާލުމަށްފަހު ރަޖިސްޓްރީ ކުރުމުގެ ހުއްދަ ދޭން އެޗްޑީސީން ހުއްޓާލީ މިދިޔަ މެއި މަހުގައެވެ.

އެޗްޑީސީން ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ގޯއްޗާއި ރޯހައުސް އަދި މިކްސްޑް އަދި ޕިޔޯ ރެސިޑެންޓް ފްލެޓްތަކުގެ ތެރެއިން ގަރާޖު ހަދާފައިވާ އިމާރާތް އަދި ފްލެޓް އިމާރާތުން ޕާކުކުރުމުގެ ޖާގަ ކަށަވަރުވެފައިވާ ތަނެއް ނަމަ، އެތަނުގެ ވެރިފަރާތް ނުވަތަ ފްލެޓް ވިއްކުމުގެ އެގްރިމަންޓް ހަދާފައިވާ ފަރާތްތަކުން އެހެން ފަރާތަކަށް ޕާކިން ޖާގަ ދޫކުރަން އެދޭ ނަމަ ދެ ފަރާތުން ވެފައިވާ އެއްބަސްވުމުގެ ކޮޕީއެއް ހުށަހެޅުމުން އެ ފަރާތެއްގެ ނަން މަތީގައި އެ އުޅަނދެއް ރަޖިސްޓްރީ ކޮށްދޭނެ ކަމަށެވެ.

ނަމަވެސް، ކުރިއެކޭ އެއްގޮތަށް ގަރާޖު ނެތް ތަންތަނަށާއި ރަޖިސްޓްރީ ބާތިލުކުރުމަށް ފަހު އޭގެ ބަދަލުގައި އާ އުޅަނދެއް ގެންނަނަމަ ހުއްދަ ދޫކުރަން ނިންމާފައިވާ އުސޫލަށް ބަދަލެއް ނުގެންނަ ކަމަށް ވެސް އިއުލާންގައި ބުނެފައިވެއެވެ.