ކަނޑޫމާ ތިލަކައިރައަށް ފީނަން ފޭބިފަހުން ގެއްލިގެން ހޯދަމުންދާ ފަތުރުވެރިޔާ އަދިވެސް ނުފެންނަ ކަމަށް އެެމްއެންޑީއެފުން ބުނެފިއެވެ.

އެމްއެންޑީއެފުން ބުނީ، ފަތުރުވެރިޔާ ހޯދުމުގެ މަސައްކަތް އެމްއެންޑިއެފް ކޯސްޓް ގާޑްގެ ޑައިވަރުން ދަނީ ހަރަކާތްތެެރިވަމުން ކަމަށެވެ. ނަމަވެސް މިހާތަނަށް ކުރި މަސައްކަތުން އެ މީހާ ފެނިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

22 މީހުންނާ އެކު ފީނަން ފޭބި ފަހުން ހަބަރެއް ނުވެގެން ހޯދަމުން ދަނީ އަންހެން ފަތުރުވެެރިއެކެވެ. އަދި އިއްޔެ މެންދުރު 2:30 އިން ފެށިގެން އެމްއެންޑީއެފް މާލެ އޭރިއާ ކޯސްޓްގާޑް ސްކޮޑްރަންގެ ސިފައިން ދަނީ ކުރަމުންނެވެ.

އެމްއެންޑީއެފުން ބުނީ މިހާދިސާގެ މައުލޫމާތު ލިބިފައި ވަނީ އިއްޔެ މެންދުރު 1:10 ހާއިރު ކަމަށެވެ. އެމްއެންޑީއެފުން ބުނީ ހޯދަމުންދަނީ އުމުރުން 41 އަހަރުގެ އަންހެނެއް ކަމަށެވެ. އަދި އޭނާ އެންމެ ފަހުން ލައިގެން ހުރީ ހުދުކުލައިގެ ރޭޝްގާޑް ސޫޓަކާއި، ހުދު ކުލައިގެ ފިންސަކަށް އަރާފައިވާއިރު، ކަޅުކުލައިގެ ބޯޔަންސީ ކޮންޓްރޯލް ޑިވައިސް (ބީސީޑީ) އެއް އޭނާ އަޅައިގެންހުރި ކަމަށް އެމްއެންޑީއެފް ކޯސްޓްގާޑަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ އޭނާއާއި ބެހޭ އެއްވެސް މައުލޫމާތެއް ލިބޭތޯ އެސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ބަލައި ދިނުމަށާއި އަދި އޭނާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ ލަސްނުކޮށް އެމްއެންޑީއެފް ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 ގުޅައި ދިނުމަށް އެދޭ ކަމަށެވެ.

ފަތުރުވެރިޔާ ފީނަން ފޭބީ "އޯސީއޭ އެމް7 އެސް" ނަމަކަށް ކިޔާ ސަފާރީއެއްގައެވެ.