އިންޑިއާގައި ހުރި ނިއުކްލިއާ ހަތިޔާރުތަކަށް ދުނިޔެއިން މިހާރަށްވުރެ ބޮޑަށް ފާރަވެރިވެ ސަމާލުކަން ދިނުމަށް ޕާކިސްތާނުގެ ރައީސް އިމްރާން ހާން ގޮވާލައްވައިފިއެވެ.

ޒަމާންވީ ކަޝްމީރުގެ މައްސަލާގައި އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން ހޫނުވަމުންދާ މި ދަނޑިވަޅުގައި، ކުރެއްވި ޓްވީޓެއްގައި އިމްރާން މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައި ވާއިރު، އިންޑިއާއިން ވަނީ އެގައުމުގެ އަސްކަރީ ޕްލޭނަށް ބަދަލުތަކެއް ގެނެސްފައި ވާކަމުގެ އިޝާރާތް ތަކެއް ކޮށްފައެވެ.

އިންޑިއާގެ ދިފާއީ ވަޒީރު ރާޖުނާތު ސިންހް މިދިޔަ ހުކުރު ދުވަހު ވިދާޅުވީ، ނިއުކްލިއާ ހަތިޔާރާ ބެހޭ ސިޔާސަތުގައި "ހަތިޔާރު ބޭނުންކުރާ ފުރަތަމަ ގައުމަށް ނުވުމަށް" އުސޫލެއް ކަނޑައަޅާފައި އޮތުމާއެކު އިންޑިއާއިން އެކަމަށް މިހާރު އަމަލު ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، ކުރިއަށް އޮތް ތަނުގައި ކަން ހިނގާދާ ގޮތުން އެކަމަށް ބަދަލު ގެންނަން ޖެހިދާނެ ކަމަށެވެ.

މިކަމަށް ނުސީދާ ގޮތުން އިޝާރާތް ކުރައްވާ، އިންޑިއާގެ ސަރުކާރަށް ބޮޑެތި ފާޑުވިދާޅުވުން ތަކެއް އަމާޒު ކުރައްވާ ޓްވީތް ކުރައްވަމުން އިމްރާން ވަނީ، އިންޑިއާގެ ބޮޑުވަޒީރު ނަރޭންދްރާ މޯދީއަކީ ހިންދޫންގެ ފިކުރުތަކުގައި ހައްދުފަހަނައަޅާފައި ވާ ލީޑަރެއް ކަމަށާ، މިމައްސަލައަކީ ސަރަހައްދީ މައްސަލައެއް އެކަނި ނޫން ކަމަށާ، މުޅި ދުނިޔެއަށްވެސް މިކަމުގެ އަސަރު ކުރާނެ މައްސަލައެއް ކަމަށް ވިދާޅުވެ، އިންޒާރު ކުރައްވާފައެވެ.

އިންޑިއާގެ އަދުގެ ހާލަތަށް ބަލާއިރުވެސް 4 މިލިއަނެއްހާ މުސްލިމުން ޑިޓެންޝަން ކޭމްޕުތަކުގައި އެބަތިބި ކަމަށާ، މީގެ އިތުރުން ރަށްވެހިކަން ގެއްލުމުގެ މައްސަލަތަކާވެސް ކުރިމަތިލާން ޖެހިފައި ވާކަމަށް އިމްރާންގެ ޓްވީޓްގައި ވިދާޅުވިއެވެ. "ފުޅި ތެރޭގައި އޮތް ޖިންނި ނިކުމެއްޖެ" ކަން މުޅި ދުނިޔެއިންވެސް ގަބޫލުކުރަން ވެއްޖެ ކަމަށާ، ބައިނަލްއަގުވާމީ މުޖުތަމައުން ފިޔަވަޅު އަޅައިގެން މިކަން ނުހުއްޓުވައިފި ނަމަ ނަފުރަތުގެ ސިޔާސަތު ފެތުރި ޤަތުލުއާންމެއް ފެނިގެން ދިއުމުގެ ފުރުސަތު އެބައޮތް ކަމަށްވެސް ޕާކިސްތާނުގެ ބޮޑުވަޒީރު ކުރެއްވި ޓްވީޓްގައި ވަނީ ފާހަގަ ކުރައްވާފައެވެ.