މިނިމަމް ވޭޖު ކަނޑައެޅުން އަވަސް ކުރުމަށް ގޮވާލައި ހއ. ދިއްދޫގައި އެއްވުމެއް ބާއްވައި އުފުލި އަޑު އިވި ވަޑައިގަންނަވައިފި ކަމަށް ހޯރަފުށީ ދާއިރާގެ މެންބަރު އަހްމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ސަލީމް މިފަދައިން ވިދާޅުވީ، މިއަދު ހަވީރު، ދިއްދޫ ޒުވާނުން އިންތިޒާމު ކޮށްގެން އެރަށު ސްޓޭޖު ސަރަހައްދުގައި ކުރިއަށް ގެންދިޔަ އެއްވުމުގެ ފޮޓޯތައް ޓްވިޓާގައި ހިއްސާ ކުރައްވަމުންނެވެ. ސަލީމް ވިދާޅުވީ، ރައްޔިތުން ދޭން ބޭނުންވާ މެސެޖު ވަރަށް ސާފުކޮށް އިވި ވަޑައިގަންނަވައިފި ކަމަށެވެ.

ހއ އަތޮޅުގެ ފަސް މެންބަރުންގެ ފޮޓޯ ބެނާއެއްގައި ޖެހުމަށްފަހު ރައްޔިތުން ނިކުމެ އަޑު އުފުލީ މިނިމަމް ވޭޖު ކަނޑައެޅުމާ ބެހޭ މަސައްކަތްތެރިންގެ ބިލު އަވަސްކޮށްދިނުމަށް އެދިއެވެ. މި އެއްވުމުގައި ދިއްދޫ ކައިރީގައި އޮންނަ ރިސޯޓުތަކުގެ މުވައްޒަފުން ވެސް ވަނީ ބައިވެރިވެ ޝުއޫރު ފާޅުކޮށްފައެވެ.

އެއްވުމުގެ ބައިވެރިން ބޭނުންކުރި ބައެއް ޕޯސްޓަރުތަކުގައި ޕޯޑިއަމްތަކުގައި ދައްކާ ވާހަކަތަކުން ނުފުދޭ ކަމަށާއި އަމަލުން ދެއްކުމަށް އެދިފައިވެއެވެ. އަދި އެޖެންޑާ 19ގައި ވާ ގޮތުގެ މަތިން މިނިމަމް ވޭޖު އަވަސް ކުރުމަށާއި އެމީހުންނަކީ ވިޔަފާރި ވެރިންގެ "ޕަޕެޓުން" ނޫން ކަމަށް ވެސް އެ ޕޯސްޓަރުތަކުގައި ބުނެފައިވެއެވެ.

މިނިމަމް ވޭޖު އަވަސްކޮށްދިނުން އެދި ހއ ރައްޔިތުން އަޑު އުފުލަން ނިކުމެ / ފޮޓޯ: ސޯޝަލް މީޑިއާ

މީގެ އިތުރުން، ދިވެހި މުވައްޒަފުންގެ ނިސްބަތް 52 ޕަސެންޓުން 70 ޕަސެންޓަށް އިތުރުކޮށްދިނުމަށާއި، 48 އަހަރުގެ އަޅުވެތިކަމުން ރިސޯޓް މުވައްޒަފުން ސަލާމަތްކޮށްދިނުމަށް އެދި މީހުން އަޑު އުފުލަމުން ދިޔައެވެ.

އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެކެވެ. މި އަހަރުގެ މަސައްކަތްތެރިންގެ ދުވަހުގެ މުނާސަބަތުގައި އެމަނިކުފާނު ވަނީ މިނިމަމް ވޭޖު ބޯޑު އެކުލަވާލާފައެވެ.