ޖަމާޢަތުގެ ފައިދާއަށް ހިންގާ މަޝްރޫއުތަކަށް ފައިސާގެ އެހީ ދިނުމަށް ހަތަރު ރަށެއްގެ ކައުންސިލާއެކު މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސޮއިކޮށްފިއެވެ.

ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި މިހާތަނަށް ސޮއިކުރީ އއ. ހިމަންދޫ ކައުންސިލާއި، ނ. ހޮޅުދޫ ކައުންސިލާއި، ތ. ވިލުފުށި ކައުންސިލާއި، ނ. ކުޑަފަރި ކައުންސިލާ އެކުއެވެ. މީގެތެރެއިން ވިލުފުށްޓާއި ކުޑަފަރި ކައުންސިލާއެކު ސޮއިކުރީ މިއަދުއެވެ.

ކުޑަފަރި ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ސޮއިކުރީ މަގުބައްތި ޖެހުމަށެވެ. މިއެއްބަސްވުމުގެ ދަށުން މިނިސްޓްރީން ދިނުމަށް ހަމަޖެހިފައި ވަނީ 300،000 ރުފިޔާއެވެ. ކުޑަފަރި ކައުންސިލުން މި މަސައްކަތަށް 251،642 ހަރަދު ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ވިލުފުށި ކައުންސިލަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދެނީ ކުޑަކުދިންގެ ޕާކެއް އެޅުމަށެވެ. މިމަޝްރޫއަށް މިނިސްޓްރީން ހަރަދުކުރަނީ 289،131 ރުފިޔާއެވެ. އަދި ވިލުފުށި ކައުންސިލުން 170،000 ހަރަދުކުރާނެ ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.

މީގެ އިތުރުން ނ.ހޮޅުދޫ ކައުންސިލަށް ފައިސާ ހަވާލުކުރުމުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. އެކައުންސިލަށް ފައިސާދެނީ ކޮމިއުނިޓީ ޕާކެއް ހެދުމަށެވެ. އެމަޝްރޫއަށް ހޯމް މިނިސްޓްރީން ހަރަދުކުރަނީ 284،450 ރުފިޔާއެވެ. މި މަސައްކަތަށް ހޮޅުދޫ ކައުންސިލުން 216،000 ރުފިޔާ ހަރަދުކުރުމަށްވަނީ ހަމަޖެހިފައެވެ.

ޖަމާއަތުގެ ފައިދާއަށް ހާއްސަކޮށްގެން ހިންގާ މަޝްރޫއުތަކަށް ފައިސާ ހަވާލުކުރުމަށް އއ.ހިމަންދޫ ކައުންސިލާއެކު ވެސް ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. ހިމަންދޫ ކައުންސިލާއެކު ސޮއިކުރީ ވެސް ކުޑަކުދިންގެ ޕާކެއް ހެދުމަށެވެ. މި މަޝްރޫއަށް މިނިސްޓްރީން ދިނުމަށް ހަމަޖެހިފައިވަނީ 300،00 ރުފިޔާއެވެ. ހިމަންދޫ ކައުންސިލުން މި މަޝްއޫރުއަށް ބައި މިލިއަން ރުފިޔާ ހަރަދުކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޖަމާއަތުގެ ފައިދާއަށް ހާއްސަކޮށްގެން ހިންގާ މަޝްރޫއުތަކުގެ ދަށުން 17 ރަށަކަށް އެހީ ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ޕާރކް ހެދުމަށް 6 ރަށަކަށް، މަގުބައްތި ޖެހުމަށް 6 ރަށަކަށް، ގަބުރުސްތާން ވަށާފާރު ރޭނުމަށް 4 ރަށަކަށް އަދި ނެރުބައްތި ޖެހުމަށް 1 ރަށަށެވެ. ރަށްތައް ކަނޑައެޅީ އާންމުކޮށް ހުޅުވާލާ، ކައުންސިލް ތަކުން ހުށައެޅި ޕްރޮޕޯސަލްތައް ބެލުމަށްފަހު އެންމެ ރަނގަޅު ޕްރޮޕޯސަލް ހުށައެޅި ރަށްތައް ބަލައިގެން ކަމަށް ހޯމް މިނިސްޓްރީން ބުނެއެވެ.