ވައިގެ މަގުން ދެ މިލިއަނެއްހާ ރުފިޔާގެ މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް އިން ބުނީ އިއްޔެ އިންޑިއާގެ ޓްރިވެންޑްރަމުން އައި 25 އަހަރުގެ ދިވެހި ފިރިހިނެއްގެ އަމަލުތައް ހުރިގޮތުން އޭނާއާ މެދު ޝައްކުކުރެވިގެން ބަލާ ފާސްކުރުމުގެ ތެރޭގައި، އޭނާ ގެންގުޅުނު ލަގޭޖް ތެރެއިން ދެ ބާވަތެއްގެ މަސްތުވާ ތަކެތި ފެނިފައިވާ ކަމަށެވެ.

އަދި އެ ތަކެތީގެ ފުރަތަމަ މަރުހަލާގެ ތަހުލީލުން ވަނީ އެއީ މަސްތުވާތަކެތީގެ ދެ ބާވަތެއް ކަމަށްވާ ހެރޮއިން އަދި ކޮކެއިން އަށް ޕޮޒިޓިވްވެފައި ކަމަށް ކަސްޓަމްސްއިން ބުނެއެވެ. ކޮކެއިންގެ 0.333 ކިލޯ އެތެރެ ކުރަން އުޅުނު އިރު އޭގެ މަގުމަތީ އަގު 1.2 މިލިއަން ރުފިޔާއަށް އަރައެވެ. އަދި ހެރޮއިންގެ 1.1 ކިލޯ އެތެރެކުރަން އުޅުނު އިރު އޭގެ މަގުމަތީ އަގު ހަތް ލައްކައަށްވުރެ މައްޗަށް އަރައެވެ.

ކަސްޓަމްސްއިން ބުނީ އެތެރެ ކުރެވުނު މަސްތުވާތަކެތީގެ ބަރުދަނުގައި 1.43 ކިލޯ ހުރި އިރު، މީގެ މަގުމަތީ އަގު ގާތްގަނޑަކަށް 1.93 މިލިއަން ރުފިޔާއަށް އަރާނެ ކަމަށެވެ.

މި މައްސަލައިގައި ޝާމިލްވާ ދިވެހި ފިރިހެން މީހާއާ އަތުލައިގަނެވުނު މަސްތުވާތަކެތި ފުލުހުންނާ ހަވާލުކުރެވި، ފުލުހުން ދަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.