ކަޝްމީރަށް ލިބިފައިވާ ދާހިލީ މިނިވަންކަން އިންޑިއާއިން ނިމުމަކަށް ގެނައި ގެނައުމަކީ ދިވެހިން އެކަމުން ފިލާވަޅެއް ދަސްކުރަން ޖެހޭ ކަމެއް ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.
އުމަރު ފޭސްބުކުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޑިއާގެ ކުރީގެ ބޮޑުވަޒީރު ޖަވާހިރުލާލް ނެހްރޫ، އެއިރުގެ ސިއްކިމްގެ ރަސްގެފާނަށް، ސިއްކިމްގެ މިނިވަން ކަމަށް އަރައިގަންނާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވާފައި ވަނިކޮށް، އޭނާގެ ދަރިފުޅު އިންދިރާ ގާންދީ ބޮޑުވަޒީރު ކަމަށް ވަޑައިގެން އެ ނިންމުން ބަދަލުކޮށް، 1975 ގައި އިންޑިއާގެ 5000 ސިފައިން ސިއްކިމްއަށް ފޮނުވާ އެ ކުޑަ ގައުމު ހިފި ކަމަށެވެ.
އަދި ސިއްކިމްއާ މެދު އިންޑިއާ ސަރުކާރުން އަމަލުކުރި ގޮތާ، ކަޝްމީރާ މެދު މިހާރު އަމަލު ކުރެވުނު ގޮތުން، ދިވެހިންނަށް އެނގެންވީ، ބާރުގަދަ ގައުމުތަކުން ކުރުާ ވައުދަކީ ކޮންމެ ފަދަ ވަގުތެއްގައި ވެސް ބަދަލު ކޮށްފާނެ އެއްޗެއް ކަމެވެ.
ދިއްލީގައި ތިބޭ ސިޔާސީ ލީޑަރުންގެ ވިސްނުން ބަދަލުވެއްޖެ ނަމަ، ރާއްޖޭގައި މިހާރު ތިބި އިންޑިއާ ސިފައިންގެ އަތަށް ދެ ގަޑި އިރުގެ ތެެރޭގައި އިންޑިއާއިން ހަތިޔާރު ފޯރުކޮށްދޭނެ ކަމަށް އުމަރު ވިދާޅުވިއެވެ. އަދި މިއީ ނުވާނެ ކަމެއް ކަމަށް ހީކޮށްގެން ތިބޭނީ ވަރަށް ތިލަކޮށް ވިސްނާ ސިޔާސީ ބޭފުޅުން ކަމަށް އުމަރު ވިދާޅުވިއެވެ.
އަދި ރާއްޖޭގައި ގާއިމްވެ ތިބި އިންޑިއާ ސިފައިން މި ގައުުމުން ބޭލުމަކީ ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމަށް އުމަރު ވިދާޅުވިއެވެ.
މާއްދާ 370 އުވާލުމަށް ފަހު އިންޑިއާގެ މައި ސަރުކާރުން ކަޝްމީރަށް އަތްގަދަ ކުރާ މައްސަަލައިގައި، މިހާތަނަށް ދިވެހި ސަރުކާރުން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ސަރުކާރުން ބުނެފައިވަނީ އެއީ އެ ގައުމުގެ ދާހިލީ ކަމެއް ކަމަށާ، ރާއްޖެއިން އެކަމާ އެއްޗެއް ބުނަން ބޭނުން ނުވާ ކަމަށެވެ.
ކަޝްމީރުގައި ހިނގަމުންދާ ކަންކަން އދ. އިން ކުށްވެރިކޮށްފައި ވާ އިރު، މި މައްސަލައިގެ ތެރެއަށް ޕާކިސްތާނުން ވެސް ވަނީ ވަދެފައެވެ. އަދި މައްސަލަ ހޫނުވެ އިންޑިއާ އަދި ޕާކިސްތާން ދެގައުުމުގެ ދެމެދުގައި ބަޑީގެ ހަމަލާތައް ބަދަލުކުރުމުގެ ތެރޭގައި ސިފައިންނާ އާންމުން ވަނީ މަރުވެފައެވެ.