ކަޝްމީރުގެ ރައްޔިތުން އުފުލަމުންދާ ތަކުލީފުތަކުގެ އަޑު، އެންމެ މަތީ ފެންވަރުގެ ބައިނަލްއަގުވާމީ ޑިޕްލޮމެޓިކް ފޯރަމްގައި އިއްވިއްޖެ ކަމަށް، ޕާކިސްތާނުން އދއަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު މަލީހާ ލޫދީ ވިދާޅުވެއްޖެއެވެ.

ޖައްމުއާއި ކަޝްމީރުގެ މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީ މާއްދާ 370 އާއި މާއްދާ 35 (ހ) އުނިކުރުމަށް އިންޑިއާ ސަރުކާރުން ނިންމާ، އެކަން ތަންފީޒުކުރަން ފެށުމާއެކު އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަށްފަހު ވާހަކަފުޅު ދައްކަވަމުން މަލީހާ ވިދާޅުވީ، މި ބައްދަލުވުމަށް ގޮވާލި ޗައިނާއަށް އިންތިހާއަށް ޝުކުރުވެރިވާކަމަށެވެ.

މިފަދަ ކަމަކަށް އެދި ޕާކިސްތާނުންވެސް ހުށަހެޅިތާ އެންމެ 72 ގަޑިއިރުގެ ތެރޭގައި، ސަލާމަތީ މަޖިލީހުގެ ބައްދަލުވުމެއްގައި ކަޝްމީރުގެ މައްސަލައަށް ހާއްސަކޮށްގެން މަޝްވަރާކުރެވުނުކަމީ، ބައިނަލްއަގުވާމީ މުޖުތަމައުންވެސް މިމައްސަލަ ބަލައިގެން ކަމުގެ ހެއްކެއްގެ ގޮތުގައި މަލީހާ ވަނީ ސިފަކުރައްވާފައެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން މަލީހާ އިތުރަށް ވިދާޅުވީ، ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅީގެ ރަށްވެހިން ތިބީ އެކަނި ނޫންކަމަށާ، ދުނިޔޭގެ ނިސްބަތުން އެންމެ މަތީ ފަންތީގެ ޑިޕްލޮމެޓިކް ފޯރަމުން މިއަދު އެމީހުންގެ އަޑުތައް އަހާފައިވާކަމަށެވެ.

މަލީހާ ވިދާޅުވީ ޖައްމުއާއި ކަޝްމީރުގެ މައްސަލައަކީ ދާހިލީ މައްސަލައެއް ކަމަށް އިންޑިއާއިން ކުރަމުންދާ ވަކާލާތު، މި ބައްދަލުވުމުގެ ސަބަބުން ބާތިލުވެގެން ހިނގެއްޖެ ކަމަށާ، އެގޮތުން މިއަދު މުޅި ދުނިޔެއިންވެސް އެދަނީ ޖައްމުއާއި ކަޝްމީރުގެ މައްސަލައާއި ބެހޭ ގޮތުން މަޝްވަރާކުރަމުން ކަމަށެވެ. އަދި ކަޝްމީރުގެ ރައްޔިތުންގެ އަޑު އަބަދުވެސް އިއްވެމުންދާނެ ކަމަށާ، ޕާކިސްތާނު އަބަދުވެސް އޮންނާނީ ޖައްމުއާއި ކަޝްމީރުގެ ރައްޔިތުންނާއެކުގައި ކަމަށްވެސް މަލީހާ ވިދާޅުވިއެވެ.

އިންޑިއާގެ ސަބްކޮންޓިނެންޓްގައި އިނގިރޭސިންގެ އަތްދަށުގައި އޮތް ސްޓޭޓްތަކުގެ ތެރެއިން އިންޑިއާ ނުވަތަ ޕާކިސްތާނަށް ކަނޑައެޅިފައި ނެތް ސްޓޭޓްގެ ގޮތުގައި މިއަދު އޮތް ހަމަ އެކަނި ސްޓޭޓަކީ ޖައްމު އާއި ކަޝްމީރުގެ ސްޓޭޓެވެ. މި ސްޓޭޓްގެ ފުރިހަމަ މިލްކުވެރިކަމަށް، އިންޑިއާއާއި ޕާކިސްތާނުން ހަނގުރާމަ ކުރަމުންދާތާ 70 އަށްވުރެ ގިނަ އަހަރު ވީއިރުވެސް، މިކަމަށް އަލިމަގެއް ފެނިފައެއް ނުވެވެ. ޖައްމުއާއި ކަޝްމީރުގެ ސްޓޭޓަކީ، އިނގިރޭސިން އިސްތިއުމާރީ އަޅުވެތިކަމުގެ ދުވަސްވަރު އޮތް ސްޓޭޓްތަކުގެ ތެރެއިން، ފުރިހަމަ މިނިވަންކަމެއް ނުލިބި އޮތް ހަމައެކަނި ސްޓޭޓްވެސް މެއެވެ.