ކަޝްމީރުގެ މައްސަލާގައި ބައިނަލްއަގުވާމީ މުޖުތަމައުން ފާޅުކުރަމުންދާ ހިޔާލާ، އަމާޒުކުރަމުންދާ ފާޑުކިއުންތަކުގެ އަޑު ގަދަމުންދަނިކޮށް، އދއަށް ކަނޑައަޅާފައި ހުންނަވާ އިންޑިއާގެ މަންދޫބު ސައްޔިދު އަކުބަރުއްދީން، އެކަމާ ކޯފާ އިސްކުރައްވައިފިއެވެ.

ބައިގަރުނަށްފަހު ކަޝްމީރުގެ މައްސަލައެއް އދގެ ސަލާމަތީ މަޖިލީހުގައި ރޭ ބަލާފައިވާއިރު، އެމެރިކާގެ ނިއު ޔޯކްގައި ހުންނަވާ، ނޫސްވެރިންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން އަކުބަރުއްދީން ވިދާޅުވީ، އިންޑިއާގެ ކަންކަން ހަމަޖައްސަންވީ ގޮތް ކިޔާދޭކަށް، ބައިނަލްއަގުވާމީ ޖަމިއްޔާތަކާ، ޖަމާއަތްތަކަކަށް ނުޖެހޭނެ ކަމަށެވެ. މިކަމަކީ ދާހިލީ ކަމެއްކަމަށްވެސް އަކުބަރުއްދީން ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން އަކުބަރުއްދީން ވިދާޅުވީ، މައްސަލަތަކެއް އުޅޭނަމަ އެކަމަކަށް ރިއާޔަތް ކުރެވޭނެ ކަމަށާ، އެކަން ހިނގާނީ ކޯޓުތަކުގައި ކަމަށެވެ.

ވަކި ގައުމެއްގެ ނަން ބަޔާން ކުރެއްވުމެއްނެތި، ބޮޑެތި ތުހުމަތުތަކެއް އެ ގައުމަކަށް އަމާޒުކުރައްވާ ވާހަކަފުޅު ދައްކަވަމުން އަކުބަރުއްދީން ވިދާޅުވީ، އެ ބަޔަކު ދަނީ ޖިހާދުގެ ނަމުގައި އިންޑިއާގައި ހަމަނުޖެހުން އުފައްދަމުންކަމަށާ، މިއަށްވުރެ ރަނގަޅަށް ކަންކަން އެނގެންޖެހޭ ފަރާތްތަކުންވެސް އެކަމަށް ހިތްވަރުދޭ ފަދަ މޭރުމަކުން ވާހަކަތައް ދައްކަމުންދާތީ ހިތާމަކުރައްވާ ކަމަށެވެ.

ކަޝްމީރުގެ މައްސަލައާއި ގުޅިގެން އދގެ ސަލާމަތީ މަޖިލީހުގައި ކުރިއަށް ގެންދިޔަ ބައްދަލުވުމަކީ، ޗައިނާގެ ހުށަހެޅުމަކަށް ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ. މި މައްސަލައަކީ، އިންޑިއާއާއި ޕާކިސްތާނުންވެސް އެ ސަރަހައްދުގެ ފުރިހަމަ މިލްކުވެރިކަމަށް ދައުވާކުރާ ޖައްމުއާއި ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް ލިބިދީފައި އޮތް މިނިވަންކަމާ އިސްތިގުލާލަށް އުނިކަން ލިބޭ ގޮތަށް، އިންޑިއާގެ ގާނޫނު އަސާސީއިން މާއްދާ 370 އާއި 35 (ހ) އުވާލުމާ ގުޅިގެން މަސްރަހު ނުތަނަވަސްވުމާއެކު ކުރިއަށް ގެންދެވުނު ބައްދަލުވުމެކެވެ.