ބޭރުގެ ބައެއް ފަރާތްތަކުން ރާއްޖޭގައި އާއްމުކުރަން އުޅޭ ލާދީނީ ކަންކަމަށް ސަރުކާރުން ނޫނެކޭ ބުނަން ޖެހޭ ކަމަށް ރައްޔިތުން މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ މެންބަރު އަދި ކުރީގެ ޑިފެންސް މިނިސްޓަރު އާދަމް ޝަރީފު އުމަރު ވިދާޅުވެއްޖެއެވެ.
އާދަމް ޝަރީފު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރު ގައުމުތަކުގައި ދިވެހިން އުޅޭއިރުވެސް އިސްލާމްދީނާއި ދިވެހިންގެ ގާނޫނު އަސާސީގައި ބަޔާން ކޮށްފައިވާ ކަންކަން ދިވެހިންގެ މައްޗަށް ހިނގާނެ ކަމަށެވެ. އަދި އެފަދަ ކަމަކާ މުޅިން ހިލާފު ކަމެއް ބޭރު ގައުމެއްގައި ދިވެއްސަކު ކުރި ކަމަށް ވާނަމަ އެފަދަ ކަމެއް ކުރި ދިވެއްސެއް އެނބުރި ރާއްޖެ އައުމުން އިސްލާމީ ޝަރީއަތް ހިންގަން ސަރުކާރަށް ލާޒިމް ވާނެ ކަމަށްވެސް ޝަރީފުގެ ޓްވީޓުގައި ވިދާޅުވިއެވެ.
އާދަމް ޝަރީފު މިފަދައިން ވިދާޅުވެފައި މިވަނީ ސީދާ ކޮން ކަމަކަށް ނިސްބަތް ކޮށް ކަމެއް ނޭނގެއެވެ. ނަމަވެސް ދާދިފަހުން ދިވެހި ފިރިހެނަކު ބޭރުގެ ފިރިހެނަކާ ކައިވެނި ކުރި ކަމަށް ބުނާ ހަބަރެއް މީޑިއާތަކުގައި ފެތުރުނެވެ. އަދި އެކަމާ ގުޅިގެން ގިނަބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. ހާއްސަކޮށް ސަރުކާރުގެ ދީނީ ސިޔާސަތަށް ގިނަބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.
އަދި ހަމައެއާއެކު އިސްލާމީ ވެރިކަމެއް އޮންނަ ޕާކިސްތާނުގެ މުސްލިމުންނަށް އިންޑިއާ ސިފައިން ދެމުން ގެންދާ އަނިޔާތަކަށް ސަރުކާރުން އެއްވެސް ބަހެއް ނުބުނާތީ އެކަމަށްވެސް ގިނަބަޔަކު ދަނީ ފާޑު ކިޔަމުންނެވެ.